.jpeg?w=3840&q=75)




.jpeg?w=3840&q=75)


2013112_1662844038
ފާއިތުވީ އަހަރުތަކުގައި ސޫރިޔާގައި ފުރަތަމަ ފަހަރަށް ކޮލެރާ ފެތުރެން ފެށިކަން ކަށަވަރުވެފައިވާތީ އދއިން ކަންބޮޑުވުން ފާޅުކޮށް، މިއީ މުޅި ސަރަހައްދަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށް ބުނެފިއެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އެ ގައުމުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި 900 އަށް ވުރެ ގިނަ މީހުން ބައްޔަށް ޝައްކު ކުރެވޭއިރު ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ. މި ރޯގާ އެންމެ ބޮޑަށް ފެތުރިފައިވަނީ ހަލަބް އާއި ޑެއިރް އަލް ޒޫރު ޕްރޮވިންސްތަކުގައެވެ.
ބެލެވޭ ގޮތުގައި މިއީ ޔޫފްރޭޓްސް ކޯރުގެ ތަޣައްޔަރުވެފައިވާ ފެން ބުއިމާއި، އެފެން ގޮވާމުގެ ބާވަތްތައް ހެއްދުމަށް ބޭނުންކުރުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ބަލި ފެތުރޭގޮތް އިތުރުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން މުޅި ސޫރިޔާގައި ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށްވެސް އދ އިން ބުނެއެވެ.
ޝައްކު ކުރެވޭ މީހުންގެ ތެރެއިން 670 އަށް ވުރެ ގިނަ މީހުން އަދި މަރުވި މީހުންގެ ތެރެއިން ހަ މީހުން ހަލަބްގައި ތިބިއިރު، 201 ކޭސް އާއި ދެ މީހުން މަރުވެފައިވަނީ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޑެއިރް އަލް ޒޫރުގަ އެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އދގެ ހިއުމެނިޓޭރިއަން ކޯޑިނޭޝަން ގެ ރައީސް އިމްރާން ރިޒާ ބުނެފައިވާގޮތުގައި، މި ރޯގާގެ ސަބަބުން ސޫރިޔާއާއި ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެއެވެ.
ބަލިމަޑުކަން އިތުރަށް ފެތުރުމާއި ބަލީގައި މީހުން މަރުވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އަދި އެކަމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިމްރާން ރިޒާ ވަނީ ގޮވާލައްވާފައެވެ.
އދއިން ބުނީ، ހާލުގައި ޖެހިފައިވާ މުޖުތަމައުތަކާއި، އެނޫންވެސް ހައި ރިސްކް ސަރަހައްދުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނާއި ހިޖުރަކޮށްފައިވާ މީހުންގެ ކޭމްޕްތަކަށް، ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓުތަކާއި، ނާރުތަކުގެ ފްލުއިޑްސް އަދި ރީހައިޑްރޭޝަން ސޯލްޓްތައް ޑެލިވަރީ ކޮށްފައިވާ ކަމަށެވެ. އަދި ލޮރީތަކުން ވެސް ސާފު ފެން ޑެލިވަރީ ކުރަމުން އަންނަ ކަމަށާއި ކްލޮރިނޭޝަން ސްކޭލް ކުރަމުން އަންނަ ކަމަށެވެ.
ކޮލެރާ އަކީ ބެކްޓީރިއަމް ވިބްރިއޯ ކޮލެރާ އިން ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ފެން ބުއިމުގެ ސަބަބުން ޖެހޭ އެކިއުޓް ޑައިރިއާ އިންފެކްޝަނެކެވެ. ވަރަށް ގަދަޔަށް ހުން އަންނަ ހާލަތްތަކުގައި ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ގަޑިއިރުތަކެއްގެ ތެރޭގައި ބަލީގެ ސަބަބުން އެމީހަކު މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
.jpeg?w=3840&q=75)







