
big_UIWXfu3wmQ3BpJWBJMSlFQlf7
މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު އަޑުއުފުލާ، ވަކާލާތުކުރުމުގައި ދިވެހިރާއްޖޭން ނަމޫނާ ދައްކަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ގައި ކުރިއަށްދާ އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ނުރައްކާ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އިންތިހާއަށް ބޮޑުކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖެއަކީ ބިންތިރި ޤައުމަކަށްވެފައި، ދިވެހިންނަކީ ކަނޑުފަޅުން ލިބޭ ނަފާއަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއްކަމުން، ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ކަންކަމުން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަށާއި ތިމާވެއްޓަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ކްލައިމެޓް ސެކިއުރިޓީއަކީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާކަމެއްކަމަށެވެ. އަދި މިއީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުމާވެސް ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައެއްކަމަށެވެ. ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ މިއަދު ދުނިޔޭގެ އެތަން މިތަނުން ފެންނަމުންދާކަމަށާއި، މިކަމުގެ ނުރައްކާ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކެކޭ އެއްފަދައިން ބޮޑެތި ޤައުމުތަކަށްވެސް މިއަދު އެބައޮތްކަމަށެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ތިމާވެށީގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއްދޭ ދާއިރާއެއްކަން ފާހަގަކުރައްވާ، މި ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ބައެއް މުހިއްމު ސިޔާސަތުތަކާއި، ތަންފީޒުކުރަމުންދާ ބައެއް މުހިއްމުކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2030 ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ރާއްޖެ ހެދުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ތިމާވެށީގެގޮތުން ފާހަގަކުރެވޭ 79 ތަނެއް މިހާތަނަށް ޙިމާޔަތްކޮށްފައިވާކަމަށާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި ވަކިކޮށްގެން އުކާލުމުގެ އުޞޫލަށް މިއަހަރު އަމަލުކުރަން ފަށާފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލުމާއި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ނަމޫނާ ޤައުމެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން ބަހާ ޢަމަލުވެސް ދުނިޔެއަށް މިސާލުދައްކަމުންދާކަމަށެވެ. އެހެންނަމަވެސް މިއީ ވަކި ޤައުމުތަކަކުން އެކަނި މަސައްކަތްކޮށްގެން އަރައިގަނެވޭނެކަމެއް ނޫންކަމަށާއި، މިކަމުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޯރަމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށާއި، އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެކަަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިމަހުގެ 1 އިން 4 އަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގައި ދުނިޔޭގެ 21 ޤައުމަކުން 100 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
















