





.jpeg?w=3840&q=75)


9C6AB650-FCCB-4491-9C69-5A16291B0E93
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މަޑަވެއްޔަށްކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައިމެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދައިގެ އަސަރުކޮށްފައިވެއެވެ. އަދި ހަތް އަތޮޅަކަށް އުދަ އެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.
އެ އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ގޭގެއަށް ލޮނު ވަދެ، ގެއްލުންތަކެއް ލިބިފައިވާއިރު، ނިސްބަތުން އެންމެ ގިނަ ގެއަށް ލޮނުވަދެ އެންމެ ގެއްލުނުން ލިބުނު ރަށެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައި އޮތީ ގދ. މަޑަވެއްޔެވެ.
އެގޮތުން ތ. އަތޮޅުގެ އަށް ރަށަކަށް އުދައިގެ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކިނބިދޫ 8 ގެއަށް ފެންވަދެ ގެއްލުން ލިބުނުއިރު، ގުރައިދޫ މީހުން ދިރިއުޅޭ ހިސާބަށް އުދައިގެ އަސަރު ކުރި ނަމަވެސް ގޭގެއަށް ލޮނު ވަދެފައެއް ނުވެއެވެ. ގާދިއްފުށީގައި 35 ގެއަކަށް ލޮނު ވަދެ ގެއްލުން ލިބުނުއިރު، މަޑިފުށި 60 ގެއަކަށް ލޮނު ވަދެފައި ވެއެވެ. އަދި ދިޔަމިގިލީގައި ފަސް ގެއަކަށް ލޮނު ވަދެ ގެއްލުންތައް ލިބުނުއިރު، ތިމަރަފުއްޓަށްވެސް އުދައިގެ އަަސަރުކޮށްފައި ވެއެވެ. އަދި އޮމަދޫ 15 ގެއަކަށް އުދައިގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުން ލިބުނެވެ.
އޭގެ އިތުރުން ލ. އަތޮޅުގެ މާވަށަށް އުދަ އަރައި ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.
އަދި ގއ. އަތޮޅު ކޮލަމާފުއްޓާއި، މާމެންދޫއަށް ކޮންމެވެސް ވަރަކަށް އުދަ އަރާފައި ވެއެވެ.
އެންޑީއެމްއޭގެ މައުލޫމާތަށް ބަލާއިރު، ގދ. އަތޮޅުގެ ފަސް ރަށަކަށް އުދައިގެ ސަބަބުން ގެއްލުން ލިބިފައި ވެއެވެ. އެގޮތުން ގދ. މަޑަވެލީގެ 98% ގޭގެއަށް ލޮނުވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. އޭގެ އިތުރުން ފަރެސްމާތޮޑާ މީހުން ދިރިއުޅޭ އެއް ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޯނޑެއްދޫ ފިޔޯރީ ރަތަފަންދޫ އަށް އުދަ އަރައި އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
އޭގެ އިތުރުން އައްޑޫ ސިޓީގެ ރަށްތަކަށްވެސް ވަނީ އުދަ އަރާފައެވެ. އެގޮތުން މަރަދޫ 50 ގެއަކަށް ލޮނުވަދެ އޭގެ ތެރެއިން ދެ ގެއަކުން މީހުން އެހެން ގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި މަރަދޫފޭދޫ އަށް އުދަ އަރއިގެން ގާތްގަނޑަކަށް 30 ގެއަކަށް ލޮނު ވަދެ ގެއްލުންތައް ލިބިފައި ވެއެވެ.
އަދި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާއިރު، ނައިފަރަށް ވާރޭ ވެހި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.




