
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ދީފިއެވެ.
ކްރިމިނަލް ކޯޓުން، އޭނާ އަށް މި ފުރުސަތު ދީފައިވަނީ މިއަދުއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ފުރުސަތު ކުރިން ވެސް ދީފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އިތުރު ފުރުސަތަކަށް ސައުދުގެ ފަރާތުން އެދިފައިވާތީ އަންނަ ހަފުތާގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެ އަޑުއެހުމުގައި ވަކީލަކު ނެތަސް, ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ސައުދުގެ ފަރާތުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކުރަނީ އެހެން ރަށްރަށުގެ މީހުންނާއި މަރުވެފައި ތިބި މީހުންގެ ނަން ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,000 މީހުން ކަމަށް ބުނެ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިން ކަމަށް ބުނެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މޭޔަރުކަމުގެ ގޮނޑި ސައުދަށް ގެއްލޭނެއެވެ.










.jpg?w=3840&q=75)




