




.jpg?w=3840&q=75)


.jpg?w=3840&q=75)
ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ފާހަގަކުރައްވައި، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަހަންމިއްޔަތުކަން ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު 1 އިން 2 އަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، މީސްތަކުންގެ މެދުގައި އޮންނަ ގުޅުމާއި، އަދި އަދުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށްޓަކައި މުޖުތަމަޢަކުން ބިނާކުރަން އެދޭ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއް ކަމުގައެވެ.
މިސަރަޙައްދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތައް އިތުރަށް ފާހަގަވަމުންދާ ކަމަށާއި، އޭގެ އަސަރު ހުރިހާ ޢުމުރެއްގެ، އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ފޯރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި އެ ބަލިޙާލަތު ނޫން ކަމަށާއި، އޭގެ ވަށައިގެންވާ ހިމޭންކަމާއި، އަނެކުންގެ ފާޑުކިޔުންތަކަށް ގަންނަ ބިރުގެ ސަބަބުން، އެހީތެރިކަން ހޯދަން ފަސްޖެހުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެހެންކަމުން، އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުމާއި ބާކީކުރުމުގެ ބަދަލުގައި، އޯގާތެރިކަމާއި އެކަކު އަނެކަކަށް ވިސްނައިދިނުން އިސްކުރާ، މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.





.jpg?w=3840&q=75)

