
President Muizzu
ސައުދީ އަރަބިއްޔާގެ މުގައްދަސް މައްކާ ސިޓީއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މުގައްދަސް އެއް ބިން ކަމަށްވާ މައްކާގެ އަމާންކަމާއި ހުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ މުސްލިމުންގެ އިހުސާސްތަކަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
"ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާ އެކު ފުރިހަމަ ސާބިތުކަންމަތީގައި،" ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މުގައްދަސް ބިމާއި، އުމްރާވެރިންނާއި، އެ ސިޓީގެ ރައްޔިތުން ރައްކާތެރިކުރުމުގައި ސައުދީ ރޯޔަލް އެއަރ ޑިފެންސް ފޯސްއިން ދެއްކި ހުށިޔާރުކަމާއި އަވަސް އިޖާބައަށް ރައީސް ތައުރީފު ކުރެއްވިއެވެ.
ރައީސް ވަނީ މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ. އަދި ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި ސުލްހަވެރިކަމާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ބަޔާން ނެރުއްވާފައިވަނީ ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މައްކާ އާއި މަދީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ހިތްތަކުގައި މަތިވެރި ދީނީ ގަދަރެއް ދެވިފައިވާ، އަދި ކޮންމެ އަހަރަކު އެތައް މިލިއަން ހައްޖުވެރިންނާއި ޒިޔާރަތްތެރިން ޒިޔާރަތްކުރާ މުގައްދަސް ދެ ބިމެވެ.
















