






.jpg?w=3840&q=75)

އާމްދަނީގެ ގޮތުގައި 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތް ހަދަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އާސަންދަ ދެމުން އަންނަނީ އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާއާ ދެމެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ލިބޭ ގޮތަށް ކަމަށާއި، ނަމަވެސް އެއީ އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން، 60،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ދެން ފޯރުކޮށްދޭނީ "ކޯ-ޕޭ" ގެ އުސޫލުން ކަމަށާއި، އެ ފަރާތްތަކަށް ދެން އާސަންދައިގެ ފުލް ކަވަރޭޖު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންނަށް މުހިންމު އެހެން ކަންކަން ހަމަޖައްސައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ މުއްސަނދިންނާއި، އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް، މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ. އެހެންވީމަ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މީހުންނަށް ފުލް ކަވަރޭޖު ނުލިބޭ ގޮތަށް ހަމަޖައްސާ އުސޫލުތަކުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން އާންމުކޮށް އިއުލާނު ކުރަމުން ގެންދާނެ ކަމަށެވެ.








