.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)





-
މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހާ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި ޚާއްޞަ އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނު އެކުލަވާލެއްވީ، މީގެ ކުރިން އަދާކުރެއްވި އެކި މަޤާމުތަކުގައި ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ފަހުން ފާސްކުރި މުހިންމު ހަތް ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަސްދީޤުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ޤާނޫނުގެ ދަށުން މާލެ ސަރަހައްދަށް ޚާއްޞަކޮށްގެން އުފައްދާ އޮފީހަކީ ވަރަށް ގިނަ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ލިބިގެންވާ އޮފީހެއް ކަމަށެވެ.
އަދި މާލޭގެ ޓްރެފިކް މައްސަލަތަކާއި މަގުތަކާ ގުޅޭ ކަންކަމުގައި މީގެކުރިން އެކި ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުން ލިބިވަޑައިގެންނެވި ދިގު ތަޖުރިބާގެ އަލީގައި ގެނައި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރިއިރު، ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ޓްރެފިކް މެނޭޖްކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް "މާލެ ސަރަހައްދަށް ހިނގާ ޚާއްޞަ އުސޫލު" ގެ ނަމުގައި ޚާއްޞަ އަށްވަނަ ބާބެއް ވަނީ ހިމަނާފައެވެ.
މި އުސޫލުތައް ތަންފީޒުކުރުމަށްޓަކައި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އިދާރާއެއް އުފައްދާއިރު، މި ބާބަކީ 3 އަހަރުގެ ތެރޭގައި އުވިގެންދާ ގޮތަށް ހިމަނާފައިވާ (ސަންސެޓް) ބާބެކެވެ.
ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި މަޤްޞަދު ޙާޞިލުނުވެއްޖެނަމަ، ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެން މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތުވެސް ޤާނޫނުން ފަހިކޮށްދެއެވެ.




.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)
