.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)





-
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެ ބިލު ތަޞްދީޤުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ދެ ބިލަކީވެސް މި ހިނގާ 2026 އޮގަސްޓު މަހުގެ 23 ވީ އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލުތަކެކެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމަށްޓަކައި، ރާއްޖޭގައި ދާއިމީ ވިޔަފާރީގެ މަރުކަޒެއް ނެތް އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން (ހުރުމާއި، ކެއުމާއި، ދަތުރުފަތުރު އަދި ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކުން) ޖީ.އެސް.ޓީ ނެގުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މިފަދަ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާގައި ނަގަމުން އަންނަ %17 ގެ ރޭޓުންނެވެ. މި ޓެކްސް ނަގަން ފަށާނީ 2026 އޮކްޓޫބަރު 1 އިން ފެށިގެންނެވެ. އަދި މި އިޞްލާޙާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި ދިވެހި ވިޔަފާރިތަކާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ (ނޮން-ރެސިޑެންޓް) ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމެވެ. މި ބަދަލާއެކު، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި ކުރިން އުނިކުރަމުން އައި %5 ގެ ބަދަލުގައި، ދެން އުނިކުރާނީ %10 އެވެ. އަދި އެ ޢަދަދަކީ އެ ފަރާތްތަކުން ދައްކަންޖެހޭ ފުރިހަމަ ޓެކްސް ޢަދަދު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި ދެ ބިލުވެސް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި ބަދަލުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.




.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)
