-
ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ. މި ފަންޑުގެ ދަށުން ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ 5 މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދެއެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސްއިން ހުށަހެޅި މަޝްރޫއުތަކެވެ.
ދިއްދޫ ކުރިމަގު ޖަމިއްޔާއިން ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ތައުލީމާއި އައު އީޖާދުތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ޔުނިޓީ ސްޕޯޓްސް އެކަޑަމީން ށ. ފުނަދޫގައި އޮންނަ މާމުލި ކުޅި އާލާކޮށް، އެ ސަރަހައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލާމު ފާމަރސް އެސޯސިއޭޝަނުން ލ. ފޮނަދޫ އަދި ލ. ގަމުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބްލޫ ގިލްޑް ފައުންޑޭޝަނުން ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރާއިރު، ކަލައިދޫ ވިންގްސްއިން ލ. ކަލައިދޫ ބަނދަރުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ހާއްސަ ސަރަހައްދެއް 'ކަލައިދޫ ވިންގްސް ހިޔާ' ގެ ނަމުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުމެވެ. އެހެންކަމުން ބޭންކުން އަންނަނީ މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހައްމިއްޔަތުކަމެއް ދެމުންނެވެ. މިގޮތުން މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.















