
-
ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ސިޔާސަތު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރުފައިސާގެ ޤާނޫނަށާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އާންމުކޮށްފިއެވެ.
މިގޮތުން ގެންނަން ނިންމާފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ނަގަމުން އައި 500 ޑޮލަރު އުވާލުމެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން، ރާއްޖެ ވަންނަ ބޭރުފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށްފައިވެއެވެ. އޭގެތެރެއިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް އޮތް އޮތުން، މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު ބަދަލުވެގެންދާނެއެވެ.
ނަމަވެސް ގެސްޓް ހައުސް ވިޔަފާރިތަކުގެ ގިންތިން ބޮލަކަށް މާރުކުރަން ޖެހޭ 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މިހާރުވެސް އޮތް ގޮތަށް ދަމަހައްޓަން ވަނީ ނިންމާފައެވެ.
އެމްއެމްއޭއިން ވިދާޅުވީ މި އިސްލާހުތައް އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އަދި ނޭޝަނަލް ސްވިޗް ޤާއިމުކުރުމާ ގުޅޭ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު މިހާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވާ ކަމަށްވެސް އެ މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.












