
މޫދު ނޭޗާ ސްކޫލުގެ ދަރިވަރުންނަށް ކޯސްޓްގާޑުން ސޭފްޓީއާ ގުޅޭ ސެޝަންގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް
މޫދުފިލާ ނޭޗާ ސްކޫލުގެ ދަރިވަރުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ސޭފްޓީއާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ވިލިމާލޭގާއި ހުންނަ މި ސްކޫލުގައި އިއްޔެ ކުރިއަށްގެންދިޔަ ސެޝަންގައި އެ ސްކޫލުގެ 9 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ސެޝަނުގައި، ފެރީން ދަތުރުކުރާއިރުގަ އާއި، ބީޗު އަދި މޫދުގައި އުޅޭއިރު ސަލާމަތީ ގޮތުން ސަމާލުކަން ދޭންވީ ކަންކަމާ ބެހޭ މައުލޫމާތު އެ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ސެޝަނުގައި މައުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުންވެސް އެމްއެންޑީއެފުން ދަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މުއައްސަސާތަކާ ގުޅިގެން އެކި ކަހަލަ ރައްކާތެރިކަމުގެ ސެޝަންތައް ބާއްވަމުންނެވެ.















