
ކުނބުރުދޫ
19 ޖުލައި 2026 ގައި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނި ހދ. ކުނބުރުދޫއަށް ބަދަލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމާފައިވާ ނިންމުން ބާތިލުކޮށްދެއްވުމަށް އެދި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މިއަދު ޔުޓިލިޓީ ރެގިއުލެޓަރީ އޮތޯރިޓީ (ޔޫ.އާރް.އޭ) އަށް ސިޓީއެއް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާއަކީ ޔޫ.އާރް.އޭ ކަމަށްވާތީ، މި މައްސަލައިގައި އެ އޮތޯރިޓީން މިހާތަނަށް އަމަލުކޮށްފައިވާ ގޮތާއި އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް އެމްޑީޕީގެ ސިޓީގައި ވަނީ އެދިފައެވެ.
އެމްޑީޕީން ފާހަގަކުރާ ގޮތުގައި، ހދ. ކުނބުރުދޫއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އާލާވާ، ތިމާވެށީގެ ގޮތުން ނާޒުކު ވެއްޓެއް އޮތް ރަށެކެވެ. އަދި އެރަށުގައި ގާއިމުކުރުމަށް ނިންމާފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތްވެސް ނުނިމޭތީއާއި، ވަކިން ޚާއްޞަކޮށް އަންދާފައިވާ ކުނި ފަދަ ނުރައްކާތެރި ތަކެތި ނައްތާލެވޭނެ ނިޒާމެއް އެތަނުގައި ނެތުމުން، އެނދި ކުނި އެރަށަށް އުކާލުމަކީ ފެން ފަށަލައަށާއި، ތިމާވެށްޓަށް އަދި ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްރަށަށް ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ. އެމްޑީޕީން ސިފަކުރި ގޮތުގައި ވެމްކޯގެ މި ނިންމުމަކީ ސިއްރިއްޔާތުގައި، ޤާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ޣައިރުޤާނޫނީ ނިންމުމެކެވެ.
އެމްޑީޕީން ވަނީ ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތައް ޒިންމާދާރުކުރުވުމަށާއި، ރަށްތައް ސަލާމަތްކުރުމަށްޓަކައި ޔޫ.އާރް.އޭ އަދި ތަންފީޒީ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
އަދި ތިލަފުށިން އެނދި ކުނި ކުނބުރުދޫއަށް ގެންދިއުމުގެ ނިންމުން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ދައުލަތުގެ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
















