
ފޮޓޯ: ރައީސް އޮފީސް
މިނިވަންކަމަކީ ބައެއްގެ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަަށް ދިވެހިވަންތަކަމާއި ސަޤާފަތް ނެގެހެއްޓިގެން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ. އަދި ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ޖުލައި ސައްބީހުގެ މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއްކަން ފާހަގަކުރައްވާ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށް ވިދާޅުވިއެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ވިދާޅުވިއެވެ.










.jpeg?w=3840&q=75)



