








-
ދިވެހިރާއްޖޭގެ ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ އެހީތެރިކަން ހިމެނޭ އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެއެވެ.
މި ބިޔަ މަޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލް ނުވަތަ ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ހިފާފައިވާ ގައުމީ އަޒުމުގެ ވަރަށް މުހިންމު ބައެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަކަތަ އުފެއްދުމަށްޓަކައި ދައުލަތުންނާއި ޔުޓިލިޓީ ކުންފުނިތަކުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް (ކާބަން އެމިޝަންސް) މަދުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސާފު އަމާޒަކީ ކުރިއަށް އޮތް 2028 ގެ ނިޔަލަށް ރާއްޖޭގެ މުޅި ޕަވަރ ގްރިޑްގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.
މި ބޮޑު މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި އަތޮޅުތަކުގެ ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ ޒަމާނީ ސޯލާ ޕެނަލް ނިޒާމުތައް ފުޅާދާއިރާއެއްގައި ޤާއިމުކުރެވިގެންދާނެއެވެ.








