.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ރާއްޖޭގައި އަލަށް ތަޢާރަފްކުރި "ޕޭޕަލް" ގެ ޚިދުމަތާއެކު، ކުރިއަށްއޮތްތަނުގައި ދުނިޔޭގެ ނަން މަޝްހޫރު އިތުރު ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޒަމާނީ ޓެކްނޮލޮޖީތައް ދިވެހި ޒުވާނުންނަށް މި ސަރުކާރުން ގެނެސްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން "ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި ޚާއްޞަ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ރާއްޖެއަށް ތަޢާރަފްކުރި ޕޭޕަލްގެ ޚިދުމަތަކީ، އުރީދޫއަށް މިދިޔަ އަހަރު ދޫކުރި އިންވާޑް ރެމިޓެންސް ހުއްދައިގެ ދަށުން އެ ކުންފުނީގެ "އެމްފައިސާ" މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތެކެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ފަހިވި ފުރުސަތާއެކު ދިވެހިރާއްޖޭގެ ދިދަ ޕޭޕަލްގެ ނިޒާމުގައި ހިމެނި، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި މީގެ ސަބަބުން ދިވެހިންނަށް ރިއަލްޓައިމްކޮށް، އެއްވެސް މެދުކެނޑުމެއްނެތް ސީމްލެސް ނިޒާމެއްގެ ދަށުން ފައިސާ ލިބިގަތުމުގެ މަގު ތަނަވަސްވެގެން ގޮސްފައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއް އަމާޒަކީ ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ބޮޑު ސިޔާސަތަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖުމުލަ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަށް ހެއްދެވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މިއަދު ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެފައިވާކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމާއި ލިބިގަތުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ މަގުބޫލު އެއް އީ-ވޮލެޓަށް ވާއިރު، މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވޭނެއެވެ. ޚާއްޞަކޮށް ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، ސިދާ ރާއްޖެއަށް ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދުމަށް މިއީ ދިވެހި ޒުވާނުންނަށް ލިބިގެންދިޔަ ތާރީޚީ އަދި ނުހަނު ފަހި ފުރުސަތެކެވެ.
.jpeg?w=3840&q=75)






