
-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓުފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ކާމިޔާބީން ލިބުނު ހިތްވަރާއެކު 2028 ގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީ އޮތީ ގަދަކޮށް އަމާޒުހިފައިގެން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ. ސޯބެ މި އިންތިޚާބު ކާމިޔާބުކުރެއްވީ 1,375 ވޯޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ސޮޑާ) އަށް ލިބުނީ 1,313 ވޯޓެވެ.
އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލީ މާލޭގައި ބެހެއްޓި ދެ ފޮށިން ލިބުނު ވޯޓުންނެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވަނީ ޕީއެންސީގެ ކެމްޕެއިން ޓީމަށާއި ކެންޑިޑޭޓަށް ވަރަށް ބޮޑަށް ސާބަހާއި ތައުރީފު ހަދިޔާކުރައްވާފައެވެ.
މި ބައި-އިލެކްޝަންގެ ކެމްޕެއިންގެ ތެރޭގައި ޢަބްދުއްރަޙީމް ވަނީ ދެ ފަހަރެއްގެ މަތިން އައްޑޫ ސިޓީއަށް ވަޑައިގެން، ސަޢީދަށް ތާއީދު ހޯއްދެވުމަށް "ދޮރުން ދޮރަށް" ހިންގަވައި ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
















