








-
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އަތުލައިގަނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި ބޯޓުތައް ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ 1ވަނަ ދުވަހުގެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.
މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.








