


.jpeg?w=3840&q=75)





-
މިއަދު ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށް އަވަހާރަވި ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އުމަރު މުހައްދު މަނިކު ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް އެދިލެއްވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެގޮތުން ޝަހީމް ވިދާޅުވީ އެމްޔޫމަނިކަކީ ދީނީ އިޖްތިމާޢީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށާއި މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވާކަން ޝަހީމް ހާމަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ އެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން ކަމަށެވެ.
އަދި ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވާކަން ފާހަގަކުރައްވައި ޝަހީމް ވަނީ އެކަމަށްޓަކައި މިހާރު ޖާގައެއް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފައިވާކަން ހާމަކުރައްވާފައި އެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެކެވެ.އެމްޔޫ މަނިކަކީ މީގެ ބައި ގަރުނު ކުރިން ރާއްޖެއަށް ޓޫރިޒަމް ތައާރަފްކޮށް، އެ ސިނާއަތުގެ ނަފާއިން ރާއްޖެ މުއްސަނދި ކުރެއްވުމަށް މަގުފަހިކޮށްދެއްވި އެއް ބާނީއެވެ. އެމަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ތައުޒިޔާ ފާޅުކުރަމުންނެވެ.



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)


