


.jpeg?w=3840&q=75)





-
މިއަދު ހެނދުނު އަވަހާރަވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ޖަނާޒާ ސިންގަޕޫރުގައި ބޭއްވުމަށް ނިންމައިފި އެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދު އެގައުމުގެ ގަޑިން 06:30 ހާއިރު އެވެ.
އެމްޔޫ މަނިކުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ. އެއީ ރާއްޖެ ގަޑިން މިއަދު 01:30 ހާއިރު އެވެ.
ރާއްޖޭގައިވެސް އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ރާއްޖޭގައިވެސް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު އަސުރު ނަމާދަށް ފަހުގައި އެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެކެވެ.އެމްޔޫ މަނިކަކީ މީގެ ބައި ގަރުނު ކުރިން ރާއްޖެއަށް ޓޫރިޒަމް ތައާރަފްކޮށް، އެ ސިނާއަތުގެ ނަފާއިން ރާއްޖެ މުއްސަނދި ކުރެއްވުމަށް މަގުފަހިކޮށްދެއްވި އެއް ބާނީއެވެ. އެމަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ތައުޒިޔާ ފާޅުކުރަމުންނެވެ.



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)


