
ނިރުބަވެރި އިސްރާއީލުން މިއަދު ލުބުނާނަށް ދިން ވަރުގަދަ ހަމަލާއާއިއެކު އިސްރާއީލަށް ހަމަލާދޭން އަލުން ފަށަން ޖެހިދާނެ ކަމުގެ އިންޒާރު ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ދީފި އެވެ.
ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން މި އިންޒާރު ދީފައި މިވަނީ އިސްރާއީލުން މިއަދު ލުބުނާނަށް ދިން ވައިގެ ހަމަލާތަކުގައި ސޫރިޔާގެ ހަތް މީހަކާއި ލުބުނާނުގެ ފަސް މީހުންނާއެކު ޖުމުލަ 12 މީހަކު ޝަހީދުވުމާއި ގުޅިގެންނެވެ. މި ހަމަލާއަކީ ހިޒްބުالله އާއި އިސްރާއީލާއި ދެމެދު މިދިޔަ ނޮވެމްބަރުގައި އެއްބަސްވި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖަހާލައި އިސްރާއީލުން މިހާތަނަށް ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
ހިޒްބުالله އިން ބުނީ މި ހަމަލާ ރަމްޒުކޮށްދެނީ ލުބްނާނަށް ދެމުން ގެންދާ ހަމަލާތައް އިސްރާއީލުން ހުއްޓާނުލައި އިތުރު ހަމަލާތަކެއް ދޭން ރާވަމުންދާކަން ކަމަށެވެ. އަދި އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމަށް ޓަކައި ވި އެއްބަސްވުމަށް އިސްރާއީލުން ތަބާވުމަށްޓަކައި "ސީރިއަސް، އަވަސް އަދި މުހިންމު ފިޔަވަޅުތައް އެޅުމަށް" ލުބުނާނުގެ ސަރުކާރަށް ހިޒްބުالله އިން ވަނީ ގޮވާލާފައެވެ.
އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސްޕޮންސަރެއްގެ ހައިސިއްޔަތުން އެމެރިކާ އިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
އިޒްރޭލުން ލުބުނާނުގެ ބެކާ އާއި ބާލްބެކް-ހަރްމެލް ސަރަހައްދަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން އިތުރު 12 މީހަކު ވަނީ ޒަހަމްވެފަ އެވެ. މި ހާދިސާގައި ޝަހީދުވި އެންމެނަކީވެސް ބާލްބެކް ޑިސްޓްރިކްޓްގެ ވާދީ ފަރާ ސަރަހައްދަށް ދިން ހަމަލާގައި ޝަހީދުވި މީހުންނެވެ.









