
FvxHMhNaAAAU-8_
އަތޮޅުތެރޭގެ 112 ހެލްތު ސެންޓަރަކަށް ލޭ އަޅަން ބޭނުންވާ ސާމާނު ހެލްތު މިނިސްޓްރީން ހަދިޔާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކުރައްވާފައިވާ 112 ހެލްތު ސެންޓަރަކަށް ލޭ އެޅުމަށް ބޭނުންވާ ސާމާނުގެ ގޮތުގައި ހަދިޔާކުރައްވާފައިވާ ތަކެތީގެ ތެރޭގައި، ބްލަޑް ބޭންކް ރެފްރިޖަރޭޓަރއާއި, ބްލަޑް ކަލެކްޝަން މޮނިޓަރާއި, ޝޭކާ އާއި ޕްލެސެންޓާ އެކްސްޓްރެކްޓަރ އާއި، ވޭން މެޝިން ހިމެނެއެވެ. ހެލްތު ސެންޓަރުތަކަށް ހަދިޔާ ކުރެވުނު މިތަކެތީގެ އަގު 20 މިލިއަން ރުފިޔާއަށް އަރާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި މިތަކެތި ހަދިޔާކުރުމަށް އިސްކަންދެއްވާފައިވަނީ، މިހާރުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ އެކަށީގެންވާ ތަންތަން ބެލުމަށްފަހުގައި ކަމަށެވެ. އަދި މީތަކެތި ފޮނުވުނު ރަށްރަށުގެ އިތުރުން ރަށާއި ކައިރީ އެހެން ރަށްރަށަށްވެސް މިކަމުގެ ލުއިފަސޭގަ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިތަކެތި ރަށްރަށަށް ހަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގެ ސިއްޙީ ފަރުވާގެ ނިޒާމު ވަރުގަދަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
"ބްލަޑް ޓްރާންސްފިއުޝަން ވަސީލަތްތަކަކީ ސިއްހީ ޚިދުމަތްތަކަށް ނުހަނު ބޭނުންތެރި ތަކެތި. އެގޮތުން އަތޮޅުތެރޭގެ 112 ސިއްހީ މަރުކަޒައް ފޯރުކޮށްދެވުމުން އެ ތަންތަނުން ދެމުން ގެންދާ ޚިދުމަތް ރަނގަޅުވެ ރައްކާތެރިކަމާއެކު ޚިދުމަތް ދެވިގެންދާނެ. އަޅުގަނޑު ގަބޫލް ކުރަނީ މިހާތަނަށް ކުރި ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ރަށްރަށަށް ހަދިޔާ ކުރެވުނު މިތަކެއްޗާއެކު ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައިވާ ސިއްޙީ ފަރުވާ އަތޮޅުތެރޭގައި ފުޅާކޮށް ފަރުވާއަށް މާލެއަށް ބަރޯސާވުން ހުއްޓުވުމަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ. ސަރުކާރުގެ މިއަމާޒަށް ވާޞިލުވުމަށް ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ.
އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށްވެސް އެކި މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ. މީގެއިތުރުން ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އިންސާނީ ވަޞީލަތުގެ މައްސަލަ ޙައްލުކޮށް މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމަށް ބާރުއެޅުއްވުމުގެ ގޮތުން ދާދިފަހުން ސަރުކާރުންވަނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރައްވާފައެވެ. މިއާއެކު ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

%20(2).jpeg?w=3840&q=75)




%20(2).jpeg?w=3840&q=75)





