![ބުރަކޮށް އުޅެމުންވެސް ދަރިފުޅާއި އެކު ވަގުތުކޮޅެއް ހޭދަކުރާތި](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FScreenshot-2020-11-13-at-01.50.11.png&w=3840&q=75)
Screenshot 2020-11-13 at 01.50.11
އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ވަޒީފާއާއި އެހެނިހެން މަސައްކަތްތައް ހުންނަ ގޮތުން ނޭނގި ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ފުރާނަ ފަދަ ލޯބިވާ ދަރިންނަށް ވަގުތު ނުދޭވޭ މީހުން އަޅުގަނޑުމެންގެ މި މުޖްތަމަޢުގެ ތެރޭގައި ވަރަށް ވެސް ގިނައެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ދަރިންނާއި އެކު ވަގުތު ހޭދަކޮށްލުމަކީ ކިހާ މުހިންމު ކަމެއްކަންވެސް އަޅުގަނޑުމެން އެންމެނަށް އެނގެއެވެ. އެހެން ނަމަވެސް، ގިނަ ފަހަރު އާމްދަނީ ހޯދުމުގެ ބޭނުމުގައި ނުވަތަ ހިތްހަމަޖައްސާލުމުގައި ކޮފީ މޭޒު ތަކުގައި ތިބުމަކީ އަޅުގަނޑުމެންގެ އާދައަކަށް މިއަދު މިވަނީ ވެފައެވެ.
ދަރިންނާއި ވަގުތު ހޭދަކުރުމަކީ އޭގެ އެދެވޭ ރަނގަޅު ނަތީޖާ ވަރަށް ގިނަ ގޮތް ގޮތުން ދަރިފުޅަށް ކުރާނެ ކަމެކެވެ. އެގޮތުން ދަރިފުޅުގެ ކިޔެވުމާއި އަހުލާގާއި ދަރިފުޅުގެ ސިއްހަތަށްވެސް ރަނގަޅު ބަދަލުތަކެއް އަންނާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބެލެނިވެރިންނަކީ ދަރިފުޅާއި ދުރުގައި، އެހެން ރަށެއްގައި ނުވަތަ ރިސޯޓެއްގައި ތިބެގެން މަސައްކަތް ކުރާ މީހުންނެވެ. މިފަދަ ބެލެނިވެރިން ދަރިފުޅާއެކު ވަގުތު ހޭދަކޮށްލުމަށް ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ކަނޑައަޅައި ފޯނު ކޮށް ނުވަތަ ވީޑިއޯ ކޯލް އަކުން ހޭދަ ކޮށްލެވޭނެ އެންމެ ގިނަވަގުތު ހަމަ އެކަނި ދަރިފުޅާ ވާހަކަ ދައްކާލެވޭތޯ ބަލާށެވެ.
ދަރިން ކައިރީގައި ތިބޭ ބެލެނިވެރިންނަކީވެސް އެކި ކަންކަމުގައި ބުރަކޮށް އުޅޭބައެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ކޮންމެ ބެލެނިވެރިޔަކުވެސް މަސައްކަތް ކުރަން ވާނީ ދަރިފުޅާއެކު ހޭދަ ކުރާ ވަގުތަކީ ބޭނުންތެރި ވަގުތަކަށް ހެދުމަށެވެ. ފޯނު ކޯލްތަކާއި ދުރުވާށެވެ. ސޯޝަލް މީޑިއާ ފަދަ އެޕްލިކޭޝަންތަކާއި ދުރުވެ، ލިބުނު ވަގުތުގެ ބޭނުން ހިފައި އެ ވަގުތު ދަރިފުޅަށް ހާއްސަ ކުރާށެވެ. އަދި އެވަގުތުގައި ދަރިފުޅާއި ވާހަކަ ދައްކާ ޚިޔާލު ބަދަލު ކުރާށެވެ. އެ ދަރިފުޅު ކުރަން ބޭނުންވާ ކަމެއް އޮތްތޯ ބަލައި އެކަމެއް ދަރިފުޅާއެކު ކޮށްލެވިދާނެއެވެ.
ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތެކެވެ. އަމާނެތެކެވެ. ކިތަންމެ ބުރަވިޔަސް އެކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭނެވެ.