og m
ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ތައްޔާރުވެއްޖެ އެވެ.
ތިނަދޫ ކައުންސިލުން ޓޭޑު ޖަމިއްޔާއާ ހަވާލުކޮށްގެން ހިންގާ މި މުބާރާތުގެ ފައިނަލް މެޗު މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބާއި، ޑީއެފްސީ އެވެ.
މި ދެޓީމްވެސް މިރޭގެ ފައިނަލަށް ނުކުންނަނީ މި މުބާރާތުގެ ރެކޯޑަކާއެކުގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުން ފެށިގެން މިހާތަނަށް އެއްވެސް މެޗަކުން މި ދެޓީމް ބަލިވެފައި ނުވެއެވެ. ގްރޫޕް ސްޓޭޖުގައި މި ދެޓީމް އެއް ގްރޫޕެއްގައި ހިމެނި މި ދެޓީމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެމެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.
ހޮސްޕިޓަލް ރެކްރިއޭޝަން ޓީމް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީފައިނަލުގައި ފޮކްސެސް ބަލިކޮށްގެންނެވެ. ޑީއެފްސީ ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޓީރެކްސް ސްޕޯޓްސް ކުލަބް ބަލިކޮށްގެންނެވެ.
ދެ ޓީމްވެސް މިރޭ ނުކުންނާނީ ފައިނަލުގައި ރަނގަޅު މޮޅުކުޅުމެއް ދައްކައި ތަށި ހޯދުމުގެ އުންމީދުގައެވެ.
ޑީއެފްސީގެ ކޯޗު، އަހުމަދު އަބްދުﷲ ވިދާޅުވީ، ޓީމުގެ ދެކުޅުންތެރިއަކަށް އަނިޔާގެ މައްސަލަ ދިމާވެފައިވާކަމަށާއި، ނަމަވެސް ފައިނަލަށް ނުކުންނަނީ ހިތްވަރަކާއެކު މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.
ހޮސްޕިޓަލް ޓީމުގެ ކޯޗު އިބްރާހިމް ހަސަން ވިދާޅުވީ، ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފައިނަލް މެޗަށް އެ ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މިރޭގެ މެޗުވެސް އިވެންޓްކާސްޓުން ފޭސްބުކް މެދުވެރިކޮށް ލައިވްކުރާނެ އެވެ.
14 ޓީމަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުން ކުރި ހޯދާ ދެޓީމް ނޮކްއައުޓް މެޗުތައް ކުޅޭ ގޮތަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ބެވަރޭޖަސް ޕާޓްނަރަކީ ޒިމަމަން ރެސްޓޯރެންޓެވެ. އަދި ބްރޭންޑިންގ ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިން އެވެ. ސްކޯއަޕްޑޭޓް ޕާޓްނަރަކީ ބޯޅަ އެމްވީ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ޓްރެއިނިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ.