ހަރެހެރި މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް މިރޭ!
މުޙައްމަދު މުއައްވަޒު
11/21/2022, 5:32:33 PM
AMN_1663 1
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާއިން ބާއްވާ ފުޓްސަލް މުބާރާތް ހަރެހެރި 2022 ގެ ފޯރި ގަދަ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅެވޭނެ އެވެ.
ތިނަދޫގެ ހިންގުންތެރި ޖަމިއްޔާއެއް ކަމަށްވާ ޓޭޑް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.
މިރޭގެ ފުރަތަމަ މެޗު 20:15 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރަނީ ފޮކްސެސް އާއި އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބެވެ. ފޮކްސެސް ސެމީގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި 5-1 ގެ ނަތީޖާއަކުން ކްލަސްޓާ އެފްޓީ ބަލިކުރުމަށް ފަހުގައެވެ. އޭސްއެމްއެޗް ސެމީ ފައިނަލަަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޑީއާރުސީ 3-0ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި ދެޓީމްވެސް މިހާ ހިސާބަށް ދަތުރުކުރީ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ކަން ފާހަގަކޮށްލެވެއެވެ.
ދެވަނަ މެޗު 21:15 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ޓީރެކްސް ސްޕޯޓްސް ކުލަބާއި، ޑީއެފްސީ އެވެ. ޓީރެކްސް އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ، 7-2 ގެ ނަތީޖާއަކުން އޭވިއޭޝަން ސެކިއުރިޓީ ޓީމް ބަލިކޮށްގެންނެވެ. ޑީއެފްސީ ސެމީގެ ޖާގަ ހޯދީ 3-1 ގެ ނަތީޖާއަކުން ހޯނޑެއްދޫ އެފްސީ ބަލިކޮށްގެންނެވެ. މި ދެޓީމްވެސް މިހާ ހިސާބަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ.
މި ދެމެޗުވެސް ފޯރިގަދަވެގެންދާނެ އެއް ސަބަބަކީ ރާއްޖޭގެ އެންމެ މޮޅެތި ފުޓްސެލް ކުޅުންތެރިންނާއި މި ސަރަހައްދުގެ މޮޅެތި ކުޅުންތެރިން މި ޓީމްތަކުގައި ހިމެނިފައިވުމެވެ. މިރޭ ކުޅެވޭ ސެމީ ފައިނަލްގެ މެޗުތައް އިވެންޓްކާސްޓުން ލައިވްކުރާނެ އެވެ.
14 ޓީމަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުން ކުރި ހޯދާ ދެޓީމް ނޮކްއައުޓް މެޗުތައް ކުޅޭ ގޮތަށެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ބެވަރޭޖަސް ޕާޓްނަރަކީ ޒިމަމަން ރެސްޓޯރެންޓެވެ. އަދި ބްރޭންޑިންގ ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިން އެވެ. ސްކޯއަޕްޑޭޓް ޕާޓްނަރަކީ ބޯޅަ އެމްވީ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ޓްރެއިނިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ.