ތިނަދޫ ހޮސްޕިޓަލުން ވެކްސިން ދޭން ފަށައިފި
ފަތުހުالله ޔާމީން ސައީދު
2/3/2021, 4:26:22 PM
143954652_243079000623953_6725877155721742972_n
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވެކްސިން ދޭން ފަށައިފި އެވެ.
ތިނަދޫ ހޮސްޕިޓަލުގައި ވެކްސިން ދޭން ފަށާފައިވަނީ މިއަދު ހަވީރު ތިނަދޫ ކޮވިޑް ފެސިލިޓީގައެވެ. "ގާފު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު، އަހުމަދު ސައީދު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާނީ "ޕްރިއޮރަޓައިޒް"ކޮށްގެން ފްރޮންޓްލައިނުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން މިއަދު 20 މުވައްޒަފަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި މިއަދު ވެކްސިން ދޭން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާޓްމަންޓް ޑރ. އާޒިމް އަބްދުއްޝުކޫރު އަށެވެ.
އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި މިއަދު ވެކްސިން ދޭން ފަށާފައިވާއިރު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދޭން އެޗްޕީއޭއިން ފޮނުވި ވެކްސިންތައް މިއަދު ހެނދުނު ވަނީ ހޮސްޕިޓަލަށް ލިބިފައެވެ. އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ކޮންމެ ދުވަހަކުވެސް ޝެޑިއުލް ކުރެވިގެން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ވައިގެ މަގުން ވެކްސިން ލިބޭނެ ކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރ، ސައީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 3 ދުވަސް ތެރޭ އެ ހޮސްޕިޓަލުގެ ފްރޮންޓްލައިން މުވައްޒަފުންނަށް ވެކްސިން ދީ ނިންމާލެވޭނެ އެވެ. ސައިދު މިހެން ވިދާޅުވި އިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ލިބުނު ވެކްސިން ޝިޕްމަންޓުގައި އަތޮޅު ތެރޭގެ ސިއްޙީ މަރުކަޒުތަކަށް ވާވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ދޭނީ ފުރަތަމަ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއި ފްރޮންޓްލައިން މުވައްޒަފުންނަށެވެ. އެގޮތުން މާލެއާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ވޭތުވެދިޔަ 2 ދުވަހު ވަނީ ވެކްސިން ދޭން ފަށާފައެވެ. މިއަދުން ފެށިގެން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދޭން ފަށާފައިވާއިރު އަތޮޅު ތެރޭގެ ސިއްޙީ މަރުކަޒުތަކުގައި ވެކްސިން ދޭން ފަށާނީ މާދަމާ ކަން ވަނީ އިއުލާންކޮށްފައެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަސިޓީން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ދޭން ޖެހެނީ 2 ޑޯޒަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުގެ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ.