
collage_maker-03-nov-2022-10.34-pm
އިސްރާއީލުގައި ބޭއްވި އިންތިހާބު ކާމިޔާބުކޮށް އަނެއްކާވެސް ބޮޑުވަޒީރުކަމަށް ބެންޖަމިން ނަތަންޔާހޫ ހޮވިއްޖެއެވެ.

ނަތަންޔާހޫގެ ޕާޓީ، ލިކޫޑާއި އެޕާޓީގެ ކޯލިޝަންގެ ބައިވެރިންނަށް އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ވަނީ ލިބިފައެވެ. ނަތަންޔާހޫ އިސްވެހުރެ ހަދާފައިވާ ކޯލިޝަނުން ވަނީ އެޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބުކޮށްފައެވެ.
މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެގައުމުގައި ބޭއްވި ފަސްވަނަ އިންތިޚާބެވެ. އިސްރާއީލުގެ ބޮޑުވަޒީރުކަން 2019 ވަނަ އަހަރާ ހަމައަށް، އެންމެ ގިނަ ދުވަހު ކޮށްފައިވާ ނަތަންޔާހޫގެ މައްޗަށް ރިޝްވަތު ހިފުމާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އިތުބާރު ގެއްލުވާލުމުގެ ދައުވާ އުފުލި ފަހުން އިސްރާއީލުގެ ސިޔާސީ މަސްރަހު ވަނީ ހީވެސް ނުކުރާ ފަދަ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމެޓީގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް 31 ގޮނޑި، ބޮޑުވަޒީރު ޔައިރު ލަޕިޑްގެ ޔަޝް އާތިދު އަށް 24، ރިލިޖަސް ޒިއޮނިޒަމް އަށް 14 ގޮނޑި، ނެޝަނަލް ޔުނިޓީއަށްް 12 ގޮނޑި، ޝާސް އަށް 11 ގޮނޑި އަދި ޔުނައިޓެޑް ތޯރާ ޖުޑީސަމް އަށް 8 ގޮނޑި ލިބޭނެ އެވެ.







