
ފަރުވާއަށް ނުގެންދިއުމަކީ އިހުމާލެއް، މަރުވި ސަބަބު ސާފުކޮށް އެނގެން އޮއްވާ މައްޔިތާ ކޮށާކަށް ނުޖެހޭ - ޒައިދު
# އަބްދުﷲ ރަޝީދު (މާޓީ)# ޝެއިޚް އަލީ ޒައިދުali-zaid-e1605634988175
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވި ގދ ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ނިޔާވި ސަބަބު ސާފުކޮށް އެނގެން އޮއްވާ މައްޔިތާ ކޮށާކަށް ނުޖެހޭނެ ކަމުގައި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.
ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަޙްޤީގެއް ދަނީ ކުރަމުންނެވެ. މިމައްސަލައިގެ ތަޙުގީގު ކުރަނީ ފުލުހުންނާ އެކީ ގުޅިގެން ހިންގާ ތަޙްޤީގެއްގެ ގޮތުގައި ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ. އަދި ތަޙްޤީގުގައި ލީޑިން އިންވެސްޓިގޭޓަރގެ ދައުރު އަދާކުރާނީ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ކަމަށާއި، ތަޙްޤީގުގައި ފުލުހުންގެ ހަމައެކަނި މައިގަނޑު ދައުރަކީ ކޮމިޝަންގެ ތަޙްޤީގަށް އެހީތެރިވުންކަމަށް އިންޓަރގްރިޓީ ކޮމިޝަނުން ހާމަކުރެއެވެ.
ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިންމުކަމަކަށްވާތީ ތަހްޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖްރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ ޕޯސްްޓް މޯޓަމް ހެދުމަށް ދެކޮޅު ހަދާފައެވެ. އަދި އެމީހުން ބޭނުންވަނީ އަބްދުﷲ ރަޝީދުގެެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމުމާއި ގުޅިގެން، ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަބްދުﷲ ރަޝީދަށް ފުލުހުން އަނިޔާ ނުކުރާ ކަމަށް އެތައް ބަޔަކު ހެކިދޭއިރު، އަދި އޭނާ ނިޔާވެފައިވަނީ ޤުދުރަތީ މަރަކުން ކަމަށް އާއިލާއިންވެސް ބުނާއިރު ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަރުވާއަށް ނުގެންދިއުމަކީ އިހުމާލެއް. އެކަމަކު މަރުވި ސަބަބު ސާފުކޮށް އެނގެން އޮއްވާ މައްޔިތާ ކޮށާކަށް ނުޖެހޭ. ހަށިގަނޑަށް އިތުރު ގެއްލުން ނުދީ، މިހާލަތުގައި އާއިލާއާ ހަށިގަނޑު ހަވާލު ކުރުމަކީ މައްޔިތާއަށްވެސް އެންމެ ފައިދާ ހުރި ގޮތް. - ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވީ، ރާޖިހު މަސްލަހަތަކާ ނުލައި މައްޔިތުން ވަޅުލުން ލަސްކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫނން ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަކަށް މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ޒައިދު ވަނީ ގޮވާލައްވާފައެވެ.
ގުޅުންހުރި

މާޓީގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ކޯޓަށް

ފަރުވާއަށް ނުގެންދިއުމަކީ އިހުމާލެއް، މަރުވި ސަބަބު ސާފުކޮށް އެނގެން އޮއްވާ މައްޔިތާ ކޮށާކަށް ނުޖެހޭ - ޒައިދު

މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު!
