
ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި
# ރައީސް އިބްރާހިމް މުހައްމަދު ސާލިހް257691_ce94fa01-e_
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ވިދާޅުވިއެވެ. މި ޖަލްސާއަށް ފަހު އެމަނިކުފާނު ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާޞަބާގައި އެރަށުގައި ބޭއްވި ޚާއްޞަ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ ދަނޑުވެރިކަމުގެ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ބައެއް ދަނޑުވެރިންނާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވައި ކާށިދޫގެ ތަރައްޤީގެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި ކުރިޔަށްދިޔަ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ، މޯލްޑިވްސް ޗެލެންޖް 2022" ވޮލީބޯލް މުބާރާތުގެ ފައިނަލް މެޗާއި ބައެއް އެހެން މެޗްތައް ބައްލަވާލެއްވިއެވެ. އިންޓަރނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ 6 ވަނަ މުބާރާތެވެ.
ގުޅުންހުރި

"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި
