
ރަށު ލެވެލްގައި ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް މެޑިކަލް އޮފިސަރުން ތަމްރީން ކުރަނީ
# ހެލްތު މިނިސްޓްރީ# މެންޓަލް ހެލްތްFexQMRMaYAAct7y
ރަށު ލެވެލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ ޚާއްސަ ޚިދުމަތްތައް ނެތްނަމަވެސް ތަމްރީން ލިބިފައި ތިބި މެޑިކަލް އޮފިސަރުން ބޭއްތިއްބުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެއާ އެއްގޮތަށް ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުން ނަފްސާނީ ބައްޔަށް އެކަށީގެންވާ ގޮތެއްގައި ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސާ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެންޓަލް ހެލްތު ވޯކިން ގުރޫޕާއި ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ ގުޅިގެންނެވެ. މިޕްލޭންގެ ދަށުން މިހާރުވަނީ އެ މަސައްކަތް އަތޮޅުތެރޭގައި ފަށައިގަނެފައެވެ. އެގޮތުން މި 5 ސަރަޙައްދުގައި ޤާއިމްކުރާ މެންޓަލް ހެލްތު ސެންޓަރުގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ ސްޕެޝަލިސްޓުން ތިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިޓީމްގެ ތެރޭގައި ސައިކެޓްރިސްޓުން، ސައިކޮލޮޖިސްޓުން ،ސައިކޯ ތެރަޕިސްޓުން ، ކައުންސެލަރސް، ސޯޝަލް ކައުންސެލަރ އަދި ސައިކެޓްރިކް ނަރސަސް ހިމެނެއެވެ. އަދި މި ތަންތަނުން އައުޓްޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން ބޭސް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މި 5 ސަރަޙައްދުގެ އިތުރަށްވެސް އަތޮޅު ތެރޭގެ ހުރިހާ ހޮސްޕިޓަލްތަކުން ކައުންސެލިން ލެވެލްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަަވެސް އާބާދީއަށް ބެލުމަށްފަހު ނަފްސާނީ ބަލީގެ ޚިދުމަތްތައްވެސް ފުޅާވެގެން އަންނާނެކަމަށާއި ރަށު ލެވެލްގައި ޚާއްސަ ޚިދުމަތްތައް ނެތްނަމަވެސް ތަމްރީން ލިބިފައި ތިބި މެޑިކަލް އޮފިސަރުންނާއި ނަރުހުން ތިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަމާޒަކީ ހުރިހާ ރަށެއްގައިވެސް ޕްރައިމަރީ ހެލްތު ކެއަރ ލެވެލްގައި ތިބި އެންމެންވެސް ނަފްސާނީ ބައްޔަށް ފަރުވާދެވޭނެގޮތަށް ތަމްރީން ކުރުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައިވަނީ މި ދާއިރާއިން ޚިދުމަތްކުރާނެ ދިވެހިން ނުލިބުމުގެ ކަންބޮޑުވުމެވެ. މިއާއެކު ރާއްޖެއިން ބޭރުން މީހުން ގެނައުމަށް އެތައް ހޭދައެއް ކުރަންޖެހެއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ޚަރަދުކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާދޭނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ގުޅުންހުރި

1677 ހެލްޕްލައިން ހުއްޓުމަކަށް: ނަފްސާނީ ކުއްލި އެހީއަށް ވަގުތީގޮތުން 911 އަށް ގުޅުމަށް އެދެފި

އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް "އިތާ" ޕޯޓަލް މިއަދު އިފްތިތާޙުކޮށްފި

އަންހެނުން އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވަން ރާއްޖެއިން ކުރާ މަސައްކަތްތައް އޯއައިސީ ސަމިޓުގައި ހިއްސާކޮށްފި




