logoEN
WAMCO TOP 1
ބޯންމެރޯ ޓްރާންސްޕްލާންޓަށް ފުރާ ކުދިންނަށް ވަޒީރު ޤީލާގެ ހެޔޮއެދުންތަކާއި ހިތްވަރު!

ބޯންމެރޯ ޓްރާންސްޕްލާންޓަށް ފުރާ ކުދިންނަށް ވަޒީރު ޤީލާގެ ހެޔޮއެދުންތަކާއި ހިތްވަރު!

އަހުމަދު ޝުރާއު

logo

7/12/2026, 10:08:25 AM

# ހެލްތު މިނިސްޓްރީ

-

މިއަހަރު ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފުރާ ފުރަތަމަ ބެޗުގެ ކުދިންނާއި އެކުދިންގެ އާއިލާތަކާ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީ ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ބަލި ތަހައްމަލު ކުރާ 6 ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނި ގޮތުގައި، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމުގެ އިންތިޒާމުތައް ވެސް ދަނީ ކުރެވެމުންނެވެ.

މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރު ގީލާ ޢަލީގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ސީއީއޯ އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމާއި، ތެލަސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚަރަދު ހަމަޖެއްސުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޒަކާތު ހައުސްއިން ވަނީ މިދިޔަ މަހު ޖާމާކޮށްފައެވެ. މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024 ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުންނެވެ. 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން އަންނަނީ ބޯންމެރޯ ހެދުމަށް މާލީ އެހީ ފޯރުކޮށްދެމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގައި ބަލި މީހާގެ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ޤަވާއިދުން ލޭ އެޅުން ހުއްޓާލެވި، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެއެވެ.

ތެލަސީމިއާ ބަލީގެ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި 4 ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލުތަކަށް ފޮނުވުމުގެ އެންމެފަހުގެ އިންތިޒާމުތައް ދަނީ ކުރަމުންނެވެ.

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދިނުމަށްޓަކައި ޒަކާތު ފަންޑުން ސީދާ ގޮތުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC