
އަންހެނުން އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވަން ރާއްޖެއިން ކުރާ މަސައްކަތްތައް އޯއައިސީ ސަމިޓުގައި ހިއްސާކޮށްފި
# ހެލްތު މިނިސްޓްރީ-
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި، މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ އަލީ އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާ މުޚާތަބު ކުރައްވަމުން، މިނިސްޓަރ ގީލާ އަލީ ވަނީ މި ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "އޯ.އައި.ސީގެ ގައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށް ދާނެ މަގު" އަށް މަރުހަބާ ވިދާޅުވެފައެވެ.
މި ޝިއާރަކީ ދިވެހިރާއްޖޭގެ 'ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) 2022-2026' ގެ ދަށުން ކަނޑައަޅާފައިވާ ގައުމީ އިސްކަންދޭ ކަންތައްތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޕްލޭނަކީ އަންހެނުންގެ ލީޑަރޝިޕާއި، އިޤްތިޞާދީ ބާރުވެރިކަމާއި، މުއައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެކެވެ.
ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ އަންހެނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި، 'ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް' އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ތައްޔާރުކުރަމުންދާކަން ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، ރަށު ފެންވަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ގުޅުވައިދޭ 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އަންހެނުންގެ އިޤްތިސާދީ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމާއި، އަންހެނުންނަށް ޚާއްސަ ލީސިންގ ފެސިލިޓީގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން 2026 އޭޕްރިލްގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިއަކަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނައްތާލުމަށް 'އެކު އެކީ' ޕްރޮގްރާމާއި ފަނޑިޔާރުންނާއި ކޭސްވޯކަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ބަޔާންކުރެއްވިއެވެ.
މިނިސްޓަރ ގީލާ އަލީގެ ބަޔާން ނިންމަވާލެއްވީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ވަޞީލަތްތަކާއި މުޢައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގައި ގޮންޖެހުންތައް ހުރިކަން ޤަބޫލުކުރައްވަމުންނެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

އަންހެނުން އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވަން ރާއްޖެއިން ކުރާ މަސައްކަތްތައް އޯއައިސީ ސަމިޓުގައި ހިއްސާކޮށްފި

ބޯންމެރޯ ޓްރާންސްޕްލާންޓަށް ފުރާ ކުދިންނަށް ވަޒީރު ޤީލާގެ ހެޔޮއެދުންތަކާއި ހިތްވަރު!

މަޖިލީހުގައި ވަޒީރު ޤީލާ ދެއްވީ ހިމަބިހި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގެ ޔަގީންކަން!




