logoEN
WAMCO TOP 1
ޑެންގީހުން ޖެހި ހުން މަޑުވާ ފުރަތަމަ ދެދުވަހު އިތުރަށް ސަމާލުވާން ޖެހޭ - ޑރ އަޙްމަދު ޝަހީދު

ޑެންގީހުން ޖެހި ހުން މަޑުވާ ފުރަތަމަ ދެދުވަހު އިތުރަށް ސަމާލުވާން ޖެހޭ - ޑރ އަޙްމަދު ޝަހީދު

އައިޝަތު އިފާޝާ

logo

10/15/2022, 6:02:14 PM

# ޑެންގީ ހުން

mosquito-flex

ޑެންގީހުން ހުން ޖެހި، ފަރުވާ ދެމުންދާއިރު ހުން މަޑުވާ ފުރަތަމަ ދެދުވަހު އިތުރަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރ. ޑރ.އަޙްމަދު ޝަހީދު އިލްތިމާސްކުރައްވައިފިއެވެ.

THE TRAVELLER AD

ޑރ.ޝަހީދު ވިދާޅުވީ ހުން މަޑުވީނަމަވެސް ޑެންގީގެ ޢަލާމަތްތަކާމެދު ގޭގައިވެސް އަދި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންވެސް ފުރަތަމަ ހުން މަޑުވާ ދެދުވަހު ސަމާލުވާންޖެހޭކަމަށެވެ.

ޑެންގީ ހުމަކީ މިބަލި ޖައްސާ އީޑީޒް މަދިރީގެ ސަބަބުން ފެތުރޭ ވައިރަލް ހުމެއް ނަމަވެސް މިއީ ބައެއް މީހުންގެ ފުރާނައަށް ނުރައްކާވެދާފަދަ ބައްޔެކެވެ. އެގޮތުން އެއް އަހަރުން ދަށުގެ ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ހަކުރުބަލިފަދަ ބަލިތައް ކޮންޓްރޯލް ނުކުރެވޭ މީހުންނާއި ލޭ ހަދިޔާކުރާ މީހުންނާއި، ދާއިމީ ބޭސް ބޭނުންކުރާ މީހުންނާއި ތެލަސީމިއާ ހުންނަ މީހުންނަށް ޑެންގީ ޖެހިއްޖެނަމަ އިތުރަށް ސަމާލުވާންޖެހޭކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ހުން ވަރަށް ގަދައަށް އައިސަ، ހުން މަޑުވާން ފެށުމުން، ބަލިން ރަނގަޅުވާހެން ގިނަ މީހުންނަށް ހީވެފައި އޮތް އެހެންނަމަވެސް ޑެންގީ ހުމުގައި ހުން މަޑުވާފަހުން އަންނަ ފުރަތަމަ ދެދުވަހަކީ ވަރަށް ނާޒުކު ދެދުވަސްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

"އެ ދެދުވަހުގެ މުއްދަތަށް މިކިޔަނީ ކްރިޓިކަލް ފޭސްއޭ. މިމުއްދަތުގައި ޑޭންޖަރ ސައިންސް މިކިޔާ ޢަލާމާތެއް ކިރިޔާވެސް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކަވަންވާނެ." ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ހުން މަޑުވާ ދުވަސްކޮޅު ލޭގައި ހުންނަ ފެނުގެ ބައި ނުވަތަ ޕްލާސްމާ ވަރަށް ބޮޑަށް ދަށަށްދާކަމަށާއި، ސަބަބުން ފެނުގެބައި ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ފޭދި ލޭ މާބޮޑަށް އޮލަވެގެންދާކަމަށެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ލޭގެ ޕްރެޝަރ ދަށްވެ ޑެންގީ ޝޮކް ސިންޑްރޯމްއަށް މަގުފަހިވެގެންދާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. ދިޔާތަކެތި ބޭނުންކުރުމުގައިވެސް ހަމައެކަނި ފެނުގެ ބަދަލުގައި ކުރުނބާ ފެނާއި ލޮނުޕެކެޓް ފަދަ ތަކެތި ބޭނުން ކުރުން ރަނގަޅުކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ހުން އައިސް ހޮޑުލެވޭނަމަ ދިޔާތަކެތީގެ ގޮތުގައި ރަތްކުލައިގެ ޖޫހާއި ކޮފީފަދަ ތަކެތި ބޭނުންނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. ބޭރަށް ހިންގުމާއި ހޮޑުލެވޭއިރު އެއްވެސް ވަރަކަށް ލޭއައިސް ނުވަތަ ހިރުގަނޑުން ނުވަތަ ނޭފަތުންވެސް ލޭ އަންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކަންޖެހެއެވެ.

އަދި ކުޑަކުދިން މާގަދައަށް ރުއިން ނުވަތަ ނިދާފައި ހޭނުލައިގެން އުޅުން، ނުވަތަ ވާނުވާ ނޭނގޭހެން ހީވުން، ނުވަތަ ވާހަކަދައްކާއިރު ހަމަނުޖެހޭ އެއްޗިހިކިޔުންފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަންޖެހެއެވެ. މީގެއިތުރުން ދިޔާތަކެތި ބޭނުން ކުރިނަމަވެސް 6 ގަޑިއިރުވާއިރުވެސް ކުޑަކަމު ނުދެވޭނަމަ އަވަހަށް ޑޮކްޓަރަށް ދައްކަންޖެހެއެވެ.

ކޮމެންޓް
ފަހުގެ
HDC