
MIRA
މިދިޔަ މަހު 1.41 ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި

މީރާ އިން ބުނެފައިވާ ގޮތުގައި، މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ސެޕްޓެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.
މީގެ އިތުރުން، މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ، މިއަހަރުގެ 4 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަނދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޫބަރު މަހަށް ސުންގަޑި ފަސްވުމުން ކަމުގައި މީރާއިން މައުލޫމާތުދެ އެވެ. މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 640.93 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 297.63 މިލިއަން ރުފިޔާ އެވެ.
އަދި އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
އެވެ.






