ބެންފިކާއިން ވަރުގަދަ ޕީއެސްޖީ ހިފަހައްޓައިފި
އަޙްމަދު ޖަމީލު
10/6/2022, 6:30:45 AM
CD0A5FDC-FAE8-49C0-9295-F181ED243071
ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް އެޗްގައި ރޭ ބެންފިކާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗް 1-1 އެއްވަރުވެއްޖެއެވެ.
ބެންފިކާ ދަޑުގައި ކުޅުނު މި މެޗު ފެށިގެން ރަގަޅަށް ކުޅެމުންއައީ ބެންފިކާއިންނެވެ. މިގޮތުން ބެންފިކާއިން ފުރަތަމަ 20 މިނެޓްތެރޭ ޕީއެސްޖީގެ ގޯލަށް 2 ހަމަލާއެެއް ފޮނުވާލިއެވެ. މި 2 ހަމަލާގަވެސް ހުރަހަކަށްވީ ޕީއެސްޖީގެ ގޯލްކީޕަރުއެެވެ.
ބެެންފިކާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީއްޖާއަކަށްވީ 22 މިނެޓުގައި ޕީއެސްޖީއިން ގޯލެއް ކާމިޔާބުކޮށް ލީޑްނެގުމެެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މެސީއެވެ. މެސީގެ މި ގޯލަކީ ނޭމަރ އަދި ކިލިއަން އެމްބާޕޭ ގެ މޮޅު ކުޅުމާއި އެކު ތަނަވަސް ކޮށްދިން ފުރުސަތަކުން ގޯލްގެ ކަނަށް ކާރލިން ޝޮޓެއް ފޮނުވާލައިގެން މެސީ ޖަހައިދިން ގޮލެކެވެ. މިއީ މެސީ ޗެމްޕިއަންސް ލީގްގައި ޖެހި 127 ވަނަ ގޯލެވެ.
މެސީގެ ގޯލަށް ފަހު ބެންފިކާއިން ކުޅުން ރަގަޅުކޮށް މެޗުގެ 41 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބު ކުރިއެވެ. މި ގޯލަކީ ޕީއެސްޖީގެ ޑިފެންޑަރ ޕެރެއިރާ އަތުން ބައިކޮޅަށްވަން ގޯލެކެވެ.
މި ނަތީޖާ އެކު ގްރޫޕް އެޗް ގައި ކުޅުނު ތިން މެޗުން ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވެއެވެ.
މި ދެޓީމް ދެވަނަ ލެގްގައި އައްނަ ހަފަތާގައި ޕެރިހުގައި ކުޅޭނެއެވެ.