logoEN
cocacola
ޕްރައިވެޓް ސެކްޓަރުން ގެންނަ ސިނާއަތަށް ސަރުކާރުން ނުވަނުމުގެ ނަތީޖާ ރަނގަޅު - ރައީސް

ޕްރައިވެޓް ސެކްޓަރުން ގެންނަ ސިނާއަތަށް ސަރުކާރުން ނުވަނުމުގެ ނަތީޖާ ރަނގަޅު - ރައީސް

އައިޝަތު އިފާޝާ

logo

10/4/2022, 8:00:39 AM

# އިބްރާހިމް މުހައްމަދު ސޯލިހް# ފަތުރުވެރިކަމުގެ ރަން އަހަރު# ރައީސުލްޖުމްހޫރިއްޔާ

4AAB6DAF-9854-456D-9BD9-476604AC04F8

ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ސިނާޢަތްތަކަށް ސަރުކާރުން ނުވަދެ ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ގާލާ އީވްނިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގޮސިޔާ

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައިއިރު ތަފާތު ދައުރުތައް ފެނިފައި އެބަހުރިކަމަށެވެ. އެންމެ ފުރަތަމަ މި ސިނާޢަތް ރާއްޖޭގައި އުފަންކުރެއްވި ޕައިނިއަރުން، މި މަސައްކަތް ފެއްޓެވި ގޮތާއި، އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި، ވަކި ހިސާބަކުން ސީދާ އެ ބޭފުޅުންނާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހުރަސްތައް ރައީސް ފާހަގަކުރެއްވިއެވެ.

އެ ބޭފުޅުން މިމަސައްކަތް ރާއްޖޭގައި ފެއްޓެވުމާއެކު، ފެނިގެން ދިޔައީ ކޮންމެވެސް ކަމެއް ކުރިމަތިކުރުވައިގެން، އެތިން ބޭފުޅުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އެމަސައްކަތާ ދުރަށް ޖެހިލަން ޖެހުނު މަންޒަރުކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ޢަޒުމަކަށް ބަދަލެއް ނާންނަކަމަށް ރައީސް ވިދާޅުވިއެވެ. ޢާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިން މެދުވެރިކޮށް، އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވިކަމަށާއި، ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ މި ޙަޤީޤަތްތައް ސާފުކޮށް ލިޔެ، ތާރީޚަށްޓަކައި ރައްކާކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކަންވީ ގޮތް ތެދުބަހުން ލިޔެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ. ރާއްޖޭގެ ފުރަތަމަ ރިސޯޓާއެކު މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެން ދިޔަ. އޭގެ ތެރޭގައި މިއަތޮޅު ހުރާ، ހިންމަފުށި، ތުލުސްދޫ އަދި ތަންކޮޅެއް ދުރުން ނ. އަތޮޅު ވެލިދޫ ފަދަ ރަށްރަށް ހިމެނޭ. މިއަދުވެސް ވެލިދުއާ ފަތުރުވެރިކަމާ ދެމެދު އެ އޮތް ގާތްކަމަކީ، އެ ރަށާއި ދިވެހި ފަތުރުވެރިކަމާ ދެމެދު އޮތް ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއް. ނަމަވެސް ދެން އަޅުގަނޑުމެންނަށް ފެނުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހިންގުން މުޅިން ހުއްޓުމަކަށް އައި މަންޒަރު. ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ގެސްޓް ހައުސްތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން، ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން. މިއަދު އެކަމުގެ ނަފާ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެދަނީ ފެންނަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ ތާރީޚުގައި އައި އަނެއް ބޮޑު ބަދަލު ފެންނަން ފެށީ، 1980ގެ މެދުތެރޭގެ އަހަރުތަކުގައި މި ސިނާޢަތާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މިންނެތް މަސައްކަތުންކަމަށެވެ. އޭގެ ތެރެއިންވެސް ޚާއްޞަކޮށް ޤާސިމް އިބްރާހީމް، މި ސިނާޢަތުގައި އިންވެސްޓްކުރައްވަން ފެއްޓެވުމުން، މުޅި ސިނާޢަތަށް އައި ހެޔޮ ބަދަލުތައް ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ޒުވާން ޖީލެއް މި ސިނާޢަތާ އަލަށް ގުޅިވަޑައިގެންނެވިކަމަށާއި، އޭގެ ތެރޭގައި ސަން ޓްރެވަލް ސިޔާމް އަދި ސަން ލޭން ފަދަ ފަރާތްތަކުގެ ނަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެއްދެވުމުގައި ސޯނޫ ޝިވްދަސާނީ ފަދަ ބޭރުގެ ބައެއް އިންވެސްޓަރުން ކުރެއްވި މަސައްކަތަކީ ވެސް، މިފަދަ ޙަފްލާއެއްގައި ފާހަގަކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. މިއަދު ދިވެހިރާއްޖެއަކީ އެންމެ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް. އެކަމަށްޓަކައި، ރިސޯޓް އޯނަރުންނަށާއި ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ދިވެހި ޓްރެވަލް އޭޖެންޓުންނަށާއި އެއާލައިންތަކާއި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ ފަންނާނުންނާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ސިނާޢަތްތައް ތަރައްޤީކުރުމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުންކަމަށެވެ. ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ސިނާޢަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުންކަމަށާއި، ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދިވެހި ފަތުރުވެރިކަން އަޅުގަނޑުމެންނަށް ލިބިދޭ އަނެއް ފިލާވަޅަކީ، ބަޔަކު ދުވަހަކު ޚިޔާލަށް ވެސް ނުގެންނަ، އަދި އެއްގޮތަކަށް މިރާއްޖޭގައި ނެތް ކަމެއް ވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަން. ބޭނުންވަނީ ނަސީމްގެ އެހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމް.ޔޫ މަނިކުގެ ދެ ގޮތެއް ނުވާ ޢަޒުމާއި ސާބިތުކަން ހުރި، ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި ޢަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ކިތަންމެ ޒުވާނުންނެއް ދިވެހިންގެ ތެރޭގައި މިހާރު ވެސް ތިބޭނެކަމަށާއި، ބޭނުންވަނީ ހާސިލްކުރާ ޢިލްމުގެ އަލީގައި، ތިމާގެ ސިކުނޑީގައި އީޖާދީ ވިސްނުން އުފަންކުރުވުން. ކަންކަމާ މެދު ދެކޭ ގޮތާއި ވިސްނާ ގޮތް ބަދަލުކުރުންކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖެއަށް އައު ކޮންމެވެސް ސިނާޢަތެއް، އައު އުފެއްދުމެއް ނުވަތަ އައު އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. މުޅި ޤައުމަށް ބޭނުން ހިފޭ ފަދަ މުޅިން އައު ކަމަކާ މެދު ވިސްނުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ އެކަންކަމުން ކާމިޔާބީގެ މަގު ފެންނާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ