
މިރޭގެ ފައިނަލް މެޗުގެ ނަތީޖާ ދިމާކޮށްލައިގެން ގޯސިޔާއިން ކޮމްބޯ ޕެކެއް ހޯދުމުގެ ފުރުސަތު!
# ގޯސިޔާ# ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022combo og
ގދ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގެ ނަތީޖާ ދިމާކޮށްލައިގެން ގޯސިޔާ ރެސްޓޯރެންޓް އެންޑް ކެފޭއިން ކޮމްބޯ ޕެކެއް ހޯދުމުގެ ފުރުސަތު ލިބޭ ހަރަކާތެއް ގާފު މިޑީއާ ގްރޫޕުން ފަށައިފި އެވެ.

ގާފު މީޑިއާ ގްރޫޕާއި ގޯސިޔާ ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތް ކުރިޔަށް ދަނީ ގާފު އޮންލައިންގެ ފޭސްބުކް އަދި އިންސްޓަގްރާމުގައި އެވެ.
އެގޮތުން މިރޭ އޭއެސްއެމްއެޗާއި ތިނަދޫ ޕޮލިސް ބައްދަލުކުރާ މެޗުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުލުމަކުން ހޮވޭ ފަރާތަށް ގޯސިޔާއިން 3 މީހުންގެ ކޮމްބޯ ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ޖެހެނީ ގާފު އޮންލައިންގެ ފޭސްބުކާއި އިންސްޓަގްރާމުގައި މިއަދު ޕޯސްޓުކުރި ޕްރިޑިކްޓް އެންޑް ވިން ޕޯސްޓަށް އެމީހަކަށް ލަފާކުރެވޭ ނަތީޖާއެއް ކޮމެންޓް ކޮށްލާށެވެ.
ފޭސްބުކުގައި ކޮމެންޓްކުރާ ފަރާތްތަށް ގާފު އޮންލައިން އަދި ގޯސިޔާގެ ފޭސްބުކުޕޭޖަށް ލައިކް ދޭންޖެހޭނެ އެވެ. އިންސްޓަގްރާމުން ކޮމެންޓް ކުރާ ފަރާތްތަށް ގާފު އޮންލައިން އަދި ގޯސިޔާގެ އިންސްޓަގްރާމު އެކައުންޓަށް ފޮލޯކުރަން ޖެހޭނެ އެވެ.
މި ހަރަކާތުގެ ސުންގަޑި އަކީ މިރޭގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވާ 20:30 އެވެ. ނަތީޖާ ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ މާދަމާ އެވެ.
ޕޮލިސް ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ޕޮލިހުން ވަނީ ސެމީފައިނަލްގައި ކާޑެއްދޫގެ މައްޗަށްވެސް ފަސޭހަ މޮޅެއް ހޯދައިގެން ފައިނަލަށް ދަތުރުކޮށްފައެވެ. އޭއެސްއެމްއެޗް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް މެޗުގައި ޕެނެލްޓީގައި ތިނަދޫ ކައުންސިލް ބަލިކޮށްގެންނެވެ.
ޕޮލިސް މިރޭ މެޗަށް ނުކުންނާނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ފަހުރާއިއެކުގައިއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު 5 މެޗުންވެސް މޮޅުވެ ޕޮލިހަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ޕޮލިހަކީ މި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ލިބުނު އަދި ކުޅުނު ހުރިހާ މެޗަކުން މިހާތަނަށް މޮޅުވި ހަމައެކަނި ޓީމެވެ.
އޭއެސްއެމެޗު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން ބަލިވެ 9 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނަ ހޯދާފައެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.