logoEN
cocacola
ނަމާދަށް ގޮވީ އެވެ. އެންމެން އައިސް ފުރާލީ ސައި ހޮޓާ ތަކެވެ.

ނަމާދަށް ގޮވީ އެވެ. އެންމެން އައިސް ފުރާލީ ސައި ހޮޓާ ތަކެވެ.

އަޙްމަދު ޖަމީލު

logo

1/23/2021, 1:58:53 PM

# ރިޕޯޓް

41DCD9CA-49C0-4218-B269-62292526DD33

އާދައިގެ މަތިން ރަހުމަތްތެރި ދެ މީހަކާއި އެކު ރަށުގެ ހިތްގައިމު ރެސްޓޯރެންޓަކަށް ދިޔައީމެވެ. ހަވީރު ގެ ވަގުތެއް ކަމުން، ދިވެހިންގެ އާދަކާދައިގެ މަތިން ހެދިކާ އާއި ކަޅު ސަޔެއް ބޯލަން އަހަރުމެން ތިބީމެވެ. މަސައްކަތުގެ ވާހަކަ ތަކާއި ދުނިޔެވީ ވާހަކައިގެ ތެރެއިން ސައި ހޮޓަ ވިޔަފާރީ ގެ ވާހަކަވެސް ދެކެވުނެވެ. އެގޮތުން ހިސާބު ޖެހުމެއްގައި އެވަގުތު އަހަރުމެންނަށް އެ ރެސްޓޯރެންޓުން ހިދުމަތް ހޯދަން ގޮސް ތިބި މީހުންގެ އަދަދު ވެސް ގުނާލީމެވެ.

ގޮސިޔާ

ސައި ބޮއެ ނިމި ވާހަކައިގައި ޣަރަގުވެފައި ތިބި އަހަރުމެންނަށް އިރު އޮއްސުނު ކަން ހަނދާންވީ މަޢްރިބް ނަމާދަށް ގޮވުމުންނެވެ. އަހަރެން ކައިރީގައި ތިބި ދެމީހުން ތެރެއިން އެކަކު ނަމާދަށް ދާން އަވަސް ވެގަތެވެ. އަހަރެންނަކީ ވަގުތުގައި ނަމާދު ކުރަން އާދަވެފައި ހުރި މީހަކަށް ނުވި ނަމަވެސް، ރަހުމަތް ތެރިއާއި އެކު ނަމާދަށް ދާން ގަސްދު ކޮށް ބިލަށް ފައިސާ ދެއްކުމަށް ފަހު އަހަރުމެން ތިން މީހުން ނިކުންނަން ހިނގައިގަތީމެވެ. އެ ވަގުތަކީ ދަނޑުގައި ބޯޅަ ކުޅެން ތިބި ޒުވާނުން ވެސް ކުޅެ ނިމުމަށް ފަހު އެތަނަށް އައި ވަގުތެވެ. ބަންގި ގޮވުމުން ކުރަން ތިބި ކަންތައް ހުއްޓާލުމަށް ފަހު އެންމެން ސައިބޯން އައި ވަގުތެވެ.

މާދުރު ނޫން ހިސާބެއްގައި ހުރި މިސްކިތަކަށް ވަދެ ވުޟޫ ކޮށްގެން މިސްކިތުތެރެއަށް ވަނީމެވެ.

ސުބްޙާނަﷲ.. ނަމާދު ގެ ދެވަނަ ރަކުޢަތް ކުރިއަށް ދިޔަ އިރު، ޖަމާޢަތުގައި ނަމާދު ކުރަން އިމާމް މީހާ ނުލައި ތިބީ ޖުމްލަ ހަތަރު މީހުންނެވެ.

ލަސް ނުކޮށް ޖަމާޢަތުގައި ބައިވެރިވެ ނަމާދު ނިންމާލުމަށް ފަހު މިސްކިތުން ނިކުމެ އަހަރުމެން ތިން މީހުންނަށް ވެސް ދެކެވުނީ އެވާހަކަ އެވެ. ބަންގި ގޮވުމުގެ ކުރިން ރެސްޓޯރެންޓުގައި ބޮޑު ސިންގާ 36 ފިރިހެނުން ތިބިއިރު، ބަންގި ގޮވުމުން ގިނަ އަދަދެއްގެ ބައެއް އެތަނަށް އިތުރަށް ވަނެވެ. އެހެން ނަމަވެސް، މިސްކިތް އޮތީ ފަޅު ކޮށެވެ. ގާތް ގަޑަކަށް 100 އެއްހާ މީހުންގެ ޖާގަ ހުރި އެ މިސްކިތަކީ ޒަމާނި ފެންވަރަށް ހަދާފައި ހުރި ރަނގަޅު މިސްކިތެކެވެ. އެހެން ނަމަވެސް، އިމާމް މީހާގެ އިތުރުން ހަތަރު މީހުން ތިބެގެން ފެށި ނަމާދު ނިންމާލީ އަހަރުމެން ތިން މީހުންނާއި އަދި އިތުރު އެހެން މީހަކާއި އެކު ޖުމްލަ 8 މީހުންގެ ޖަމާޢަތަކުންނެވެ.

މިއީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ހުކުރު ނަމާދާއި އެއްފަދައިން ފަރުޟު އެހެން ނަމާދުތަކުގައި ވެސް މިސްކިތްތައް ފުރުވާލަން ޖެހެއެވެ. ހުކުރު ނަމާދުގައި ޖާގަ ކުޑަވެ މިސްކިތުގެ ބޭރުގައި ސަފު ހަދައި ހުކުރު ކުރަމުން ދާ ތަންވެސް ފެނެއެވެ. އެހެން ނަމަވެސް މިއަދު ތިބެނީ ސައި ހޮޓާ ތަކުގެ ބޭރުގައި މޭޒެއް ހުސްވަންދެނެވެ.

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ އަޅުކަމުގެ ތަފާތު ވައްތަރުތަކުން ޒީނަތްތެރިވެފައިވާ ބަގީޗާއެކެވެ. ފެށެނީ މާތް ﷲ ގެ މަތިވެރިކަން އިޢުލާނުކުރާ ތަކުބީރުންނެވެ. އެއަށް ފަހުގައި ޙަމްދާއި ތަޢުރީފާއި ޘަނާގެ މަތިވެރި ބަސްތަކެކެވެ. އަދި ކޮޅަށް ހުރެ ޤްރުއާނުގެ މަތިވެރި އަޔާތްތައް ތިލާވަތުކުރެއެވެ. އެއަށް ފަހު ރުކޫޢުގައި މަތިވެރިވަންތަ ރައްބުގެ މަތިވެރިކަން ބަޔާން ކުރާ ޛިކުރުތަކެކެވެ. ރުކޫޢުން ތެދުވެ އުޑުތަކާއި ބިން ފުރޭވަރުގެ ޘަނާއާއި ތަޢުރީފުގެ މަތިވެރި ބަސްތަކެކެވެ.ދެން ސަޖިދައިގެ މަތިވެރި މަޤާމެވެ. ތަސްބީޙައާއިއެކު ކުއްތަންވެ ދަންނަވާ ދުޢާ ދެންނެވުމެކެވެ. އެންމެފަހުން މާތް ﷲ އެއްކައުވަންތަ ކުރުމަށް އިނދެ ނަމާދު ނިންމާނީ މަތިވެރި ސަލާމަކުން ދެދުނިޔޭގެ ބަރަކާތަށް އެދެމުންނެވެ.

ނަމާދަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުކަމެވެ. ނަމާދުތަކަށް ރައްކާތެރި ނުވާމީހާއަށް ޤިޔާމަތްދުވަހު ސަލާމަތްވާނެ މަގެއް ނެތެވެ. އެފަދަމީހަކަށް ޙުއްޖެތެއް އަދި އަލިކަމެއް ނުވެއެވެ.ނަމާދު އަޅާމީހުން މަޙްޝަރު ކުރެވޭނީ ފިރުޢައުނާއި ، ޤާރޫނާއި ، ހާމާނާއި އަދި އުބައްޔު ބުނު ޚަލަފްއާ އެކުގައެވެ.

ތިބާގެ މައްޗަށް ނަމާދު ކުރުމުގެ ކުރިން، ތިބާ ނަމާދު ކުރާށެވެ.

މަސްދަރު: އިލްމް.އެމްވީ/ ދިއިސްލާމް

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ