logoEN
cocacola
ތިނަދޫގެ ބަންދަށް މަސް ދުވަސް! އަދިވެސް ނުރައްކާ ބޮޑު!

ތިނަދޫގެ ބަންދަށް މަސް ދުވަސް! އަދިވެސް ނުރައްކާ ބޮޑު!

# ކޮވިޑް19# ގދ.ތިނަދޫ# ރިޕޯޓް

DSC_1554

ކޮވިޑް19 ގެ ނުރައްކާތެރި ބަލިމަޑުކަން އައިސް ގދ. ގެ ވެރިކަން ކުރާ ތިނަދޫ ފަތަހަ ކުރަމުން އެ ދަނީ ހީނުކުރާހާ ބާރު މިނުގައެވެ. ރަށުގެ މުޖުތަމައު ތެރެއިން ބަލި ފެނިގެން ނެގި ރޭންޑަމް ސާމްޕަލްތަކުގެ ނަތީޖާތަކާއެކު ރައްޔިތުންނަށް ލިބިގެން ދިޔައީ ކުއްލި ޝޮކެކެވެ. ކަމަކު ދާކަށް ނެތެވެ. މުޅި ރަށު ތެރޭގައި ބަލި ފެތުރި އާއްމުވެއްޖެ އެވެ. ކޮވިޑަށް ފައްސިވިޔަސް އެނގޭނެ ހަރުދަނާ ނިޒާމެއް ނެތި ސާމްޕަލްތައް ފުނިޖެހި ބަލި ކޮންޓްރުން ނެއްޓިއްޖެ އެވެ.

ގޮސިޔާ

ގދ އަތޮޅުގެ މައި ހޮސްޕިޓަލް ކަމުގައިވާ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިވަގުތު ކޮވިޑް ޓެސްޓުތައް ހަދަމުން ދަނީ ޖީން އެކްސްޕާޓް ޖެނެޓިކްސް މެޝިނެއްގެ އެހީގައި އެވެ. އަދި މި މެޝިނުން ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވެނީ 48 ސާމްޕަލްއެވެ. "ގާފު" އަށް މައުލުމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެ މެޝިންގެ ކެޕޭސިޓީ ވަނީ ދަށްވެފައެވެ. އެހެން ކަމުން ގިނަ ސާމްޕަލްތައް ޓެސްޓު ކުރުމަށް ފޮނުވަނީ މާލެ އަށެވެ.

މާލޭގައި މި ބަލި ފެތުރެމުންދަނީ އަދި މާ ބާރު މިނުގައެވެ. ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މާލެއިން ފައްސިވެފައެވެ. އެ މީހުންގެ ޓެސްޓުތަކާއި އަތޮޅު ތެރޭގެ ގިނަ ޓެސްޓުތައްވެސް ހަދަން ޖެހެނީ މާލެއިން ކަމުން ނަތީޖާތައް ލިބުމުގައި ލަސްތަކެއް ވެއެވެ.

ތިނަދޫގެ ގިނަ ރައްޔިތުންވެސް ގަބޫލުކުރާ އެއް ކަމަކީ ބައްޔަށް ފައްސިކަން އެނގޭނެ ރަނގަޅު ނިޒާމެއް އެ ރަށުގައި އޮތް ނަމަ އެރަށުގެ ހާލަތު އެހާ ގޯސް ނުވާނެ ކަމެވެ. އެއީ ހަގީގަތެވެ. މާލޭގެ އިތުރުން މޮނިޓަރިންގް އަށް ނުލާ ރަށްތަކުން ވެސް ދަނީ ކެޑިނޭޅި ސާމްޕަލްތައް ނަގަމުންނެވެ. ނަގާ ސާމްޕަލްތައް ފުނިޖެހެމުން ދަނީ ވެރިރަށް މާލެއަށެވެ. އައިޖީއެމްއެޗް ގެ ޕީސީއާރު ލެބަށް ދަނީ ނުކަތާ ވަރަށް ސާމްޕަލް ތައް ލިބެމުންނެވެ.

ކޮވިޑް ގެ ގިނަ ކޭސް ތަކެއް އަތޮޅުތެރެއިން ފެންނަން ފެއްޓުމުން އަތޮޅު ތެރޭގައި ސާމްޕަލްތައް ތަޙުލީލު ކުރެވޭނެ އިންތިޒާމް ހަމަޖެއްސި ކަމަށް ވެއެވެ. ނަމަވެސް ބެހެއްޓިގެން ދިޔަޢީ ހަމަ އެކަނި މެޝިންތަކެވެ. ޓެސްޓް ކިޓް ތައް ލިބިފައިވަނީ ލިމިޓް ކޮށެވެ. ކިޓްތައް ހުރި ހޮސްޕިޓަލް ތަކުން ވެސް ގަޑިޔަކުން ހެދެނީ 2 ސާމްޕަލް އެވެ. އޭގެތެރޭގައި ގދ.ތިނަދޫ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ލެބް ހިމެނެއެވެ. ގދ.ތިނަދޫ އިން ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގް އަށް ލެވުނު ފަހުން ރަށުން ވަނީ ގިނަ އަދަދެއްގެ ސާމްޕަލް ތަކެއް ނަގާފައެވެ. ނަމަވެސް މިހުރިހާ ސާމްޕަލެއްވެސް ފޮނުވަނީ މާލެއަށެވެ. ނަގާ ސާމްޕަލް ތަކުގެ ނަތީޖާ ލިބެނީ އެހާ ލަހުންނެވެ.

ބައެއް ސާމްޕަލްތަކުގެ ނަތީޖާ ނުލިބި 5 ދުވަހާ 10 ދުވަހުގެ މުއްދަތެއް ނަގައެވެ. ސާމްޕަލް ދިނުމަށްފަހު ނަތީޖާ ނުލިބި ދާ ކޮންމެ ދުވަހަކީ ބަލި ފެތުރި ނުރައްކާ ބޮޑުވާން ލިބޭ ދުވަހެކެވެ. ތިނަދޫގެ ހާލަތު ގޯސްވެފައިވަނީ މި ސަބަބާ ހެދި އެވެ. ނަތީޖާ ލިބި ފައްސިކަން އެނގޭއިރު އޮންނަނީ ގިނަ ބަޔަކާ ކޮންޓެކްޓްވެފައެވެ. ދެން އަނެއްކާ ޖެހެނީ ކޮންޓެކްޓް ޓްރޭސިންއިން ހަދައި އެއްކަލަ ޕެންޑިން ލިސްޓަށް އަނެއްކާވެސް އިތުރުވަނީ އެވެ.

މިވަގުތު ތިނަދޫގެ ހާލަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ލިބެނީ 8 ނުވަތަ 9 ސާމްޕަލެއްގެ ނަތީޖާ އެވެ. ނަތީޖާ ލިބޭ ސާމްޕަލްތަކުގެ ނިސްބަތުން ފައްސިވާ މީހުންގެ އިންސައްތަ އަދިވެސް ހުރީ "އެލާމިންގް" ރޭޓެެއްގައެވެ. އިއްޔެވެސް ލިބުނީ 8 ނަތީޖާ އެވެ. އޭގެ ތެރެއިން 3 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. ހޮސްޕިޓަލުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 2 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު އެކަކު ހިމެނެއެވެ.

މީގެ ކުރިން ބައެއް ފަހަރު ދުވާލެއްގެ މައްޗަށް 10 އާއި 22 ދެމެދުގެ އަދަދަކަށް ކޭސްތައް ފެނިފައި އެބަހުއްޓެވެ. ނަމަވެސް އަދަދުތައް އެހާ މައްޗަށް އެ ދަނީ ގިނަ އަދަދެއްގެ ސާމްޕަލްތަކުގެ ނަތީޖާ އެއްފަހަރާ ލިބުމުގެ ސަބަބުންނެވެ. މިއަދު ތިނަދޫއިން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލަސްވެ, ދުވާލެއްގެ މައްޗަށް ލިބޭ ނަތީޖާތަކުގެ އަދަދު މަދުވުމުން ގިނަ ބަޔަކަށް ހީކުރެވެނީ އަދަދުތައް ދަށް ވަނީ ކަމަށެވެ. އެއީ ކުރެވޭ ކުށް ހީއެކެވެ. ލިބޭ ސާމްޕަލް ނަތީޖާތަކުގެ ނިސްބަތުން ތިނަދޫގެ އަދަދުތައް އަދިވެސް ދަނީ މައްޗަށެވެ. އެހެން ކަމުން އަދި ތިނަދޫގެ ހާލަތު ރަނގަޅުވީ ކަމަށް ބަލައި އެގޮތަކަށް ނިންމޭކަށް ނެތެވެ.

ނަމަވެސް ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ. ކޮވިޑާ ގުޅިގެން މިވަގުތު މުޅި ހުވަދުއަތޮޅަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބޭ ކަމުގެ ހެޔޮ ފާލުތަކެއް ވަނީ ފެނިގެންގޮސްފައެވެ. އެއީ މުޅި ހުވަދުއަތޮޅު އެ މެޝިނަކަށް އެދި އާދޭސް ކުރަމުންދާ ޕީސީއާރު މެޝިނެއް ހުވަދު އަތޮޅުގައި ބަހައްޓާނެ ކަމަށް ސަރުކާރުން ވަނީ އިއްޔެ އިއުލާންކުރައްވާފައެވެ. އަދި އެ މެޝިން ބަހައްޓަނީ ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް, ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަންވެސް މިހާތަނަށް ވަނީ ޔަގީން ކުރެވިފައެވެ.

އެ މެޝިނަކީ ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ރަން ކުރެވޭ ގާބިލްކަން ލިބިގެންވާ މެޝިނެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވަނީ ހާމަކޮށްފައެވެ. އެހެން ކަމުން އެ މެޝިން ތިނަދޫގައި ބެހެއްޓި ޚިދުމަތް ފެށުމުން މި ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ބެލެވެއެވެ. ސާމްޕަލް ނަތީޖާ ނުލިބި, ބަލި ފެތުރޭ ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އޭރުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މެޝިނެއް އަދި ލިބުނަސް ނިމުނީކީ ނޫނެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމީ ގައިދުރުކަން ބަހައްޓައި މީހުންނާ ބައްދަލުކޮށް ނުހެދުމެވެ. ވެގެންވަންޏާ ގެއިން ބޭރަށްވެސް ނުނުކުތުމެވެ. ފަރުދީ ޒިންމާ އަދާ ކުރުމެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯ ލަނބައި ހޭލުންތެރިވުމުން, މާތްاللهގެ އިރާދަފުޅާއެކު މި ބަލިން މިންޖުވެދާނެ އެވެ. މި ބަލިން ގައުމު ދިފާއުކޮށް ރައްކާތެރިކުރުމަށް އިދާރާތަކުން ކުރަމުން އަންނަނީ ވަރަށް ފުރިހަމަ މަސައްކަތެކެވެ. ބައްޔާ ދެކޮޅަށް ސިއްހީ ޚިދުމަތްތެރިން ވަމުން އަންނަ ޤުރުބާނީތައް ބަލައިގަނެ އެކަންކަމުން އިބުރަތް ހާސިލް ކުރަމާ ހިނގާށެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އިދާރާތަކުގެ އިރުޝާދުތަކާ އެކު ރައްޔިތުންގެ ޒިންމާ ރައްޔިތުން އަދާ ކުރަމާ ހިނގާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ