
ކުރެންދޫ އަދި މޮޅަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް، ގިނަ އަހަރުތަކަކަށްފަހު އައު އިންޖީނުގެއެއް
# ފެނަކަ# ޅ ކުރެންދޫ# ހއ. މޮޅަދޫNew Project (35)
ޅ. ކުރެންދޫ އަދި ހއ. މޮޅަދޫގައި އެތަކެއް އަހަރުތަކެއް ވަންދެން ކަރަންޓުގެ ޚިދުމަތް ދެމުންގެންދިޔަ ބައު އިންޖީނުގެތައް ބަންދުކޮޮށް އައު އިންޖީނުގޭގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދީ، އެދެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދަތިތަކަށް ހައްލުހޯދައިދީފިއެވެ.

ފެނަކައިން ކުރެންދޫގައި 18 އަހަރު ދުވަސްވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، 12 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ހަވީރުން ފެށިގެން މުޅިން އައު އިންޖީނުގެއަކުން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
އަދި މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، 12 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 17:28 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.
އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.