ރާނީގެ ޖަނާޒާގައި ރައީސް ސޯލިހް ބައިވެރިވަޑައިގަންނަވާނެ
އަހުމަދު ޝުރާއު
9/13/2022, 2:00:32 PM
210433-4fc4d6a5-4-1024x682-1
އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް އިނގިރޭސި ވިލާތުން ދެއްވި ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި ޖަނާޒާގައި ބައިވެރިވުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ތާރީހެއް އަދި ހާމަކޮށްފެއް ނުވެއެވެ.
އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހަރާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް 3ވަނަ ވަނީ މިހާރު ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.
ރާނީގެ ޖަނާޒާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުގައެވެ.
ރާނީގެ ޖަނާޒާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ރައީސުންނާއި ލީޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި އެވެ. އެެގޮތުން އަވަށްޓެރި ލަންކާގެ ރައީސް ރަނިލް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.