
ރާއްޖޭގެ ދަރަނި މައްސަލައިގައި މަޝްވަރާކުރުމުގެ ވިސްނުމެއް އަދި ނެތް - މިނިސްޓަރ
# ފިނޭންސް މިނިސްޓަރ# ރާއްޖޭގެ ދަރަނިMinister Ameer
ރާއްޖެއިން އެކި ފަރާތްތަކުން ނަގާފައިވާ ދަރަންޏަށް ލުއިގޮތެއް ހޯދުމަށް މަޝްވަރާތައް އެފަރާތްތަކާ ވާހަކަ ދެއްކުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާފައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ޔާސިރުވަނީ، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަންޏަށް ލުޔެއް ހޯދުމަށް އެފަރާތްތަކާ ވާހަކަ ދެއްކުމުގެ އެއްވެސް ވިސްނުމެއް ހުރިތޯ މިނިސްޓަރ އަމީރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ރާއްޖެއަކީ ޒަމާނުއްސުރެއް ބަރާބަރަށް ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ދަރަނި ނުދެއްކިފައި ނެތް ކަމަށާއި، އެހެންކަމުން ކުރިއަށްއޮތްތަނުގައި ވެސް ރާއްޖެ ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.
"އެހެންވީމަ ދަރަންޏަށް ލުއިގޮތްތައް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާ ވާހަކަދައްކަން، އެ ވިސްނުމެއް އަދި އަޅުގަނޑުމެން ނުގެންގުޅެން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ރާއްޖެއިން އެކި ފަރާތްތަކުން ނަގާފައިވާ ދަރަންޏަށް ލުއި ގޮތް ހޯދަން އެފަރާތްތަކާ ވާހަކަ ދެއްކުމުގެ ވިސްނުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ، މުޅި މަޖިލީހުގެ ކޮމިޓީން ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ރީ-ޕްރޮފައިލް ކުރުމަށް ސަރުކާރަށް ދެންނެވުމަށް ނިންމި ނިންމުން 21 އޮކްޓޫބަރު 2020 ގައި ފާސްކޮށްފައެވެ.
އެހެންނަމަވެސް ސަރުކާރުން އަންނަނީ ދަރަނި ދެއްކުމަށް ދައްޗެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގުޅުންހުރި

އިންޑިއާއަށް ދައްކަން އޮތް 400 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ދައްކައިފި

ކައުންސިލްތަކުން މަޝްރޫއުތައް ހިންގާ ވަރަކަށް ބޭނުންވާ ފައިސާ ދަނީ ދޫކުރަމުން - އަމީރު

ފެންނަން ހުރި ހަގީގަތަކީ، ގޮންޖެހުންތަކާއެކުވެސް މިސަރުކާރުން ގެންނަމުންދާ ވަށާޖެހޭ ތަރައްގީ - އަމީރު




