
mnp
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ މިމަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ މިމަހު 23- 24 އަށް ތާޖުއްދީން ސްކޫލްގައި ކަމަށެވެ.
އެމްއެންޕީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ "ދަ ނޭޝަނަލް ކޮންވެންޝަން 2022" ގެނަމުގައެވެ. މި ޖަލްސާގެ ލޯގޯވެސް މިހާރު އެޕާޓީން ވާނީ އާއްމުކޮށްފައެވެ.
މި ޖަލްސާގައި އެޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި، ގަަވާއިދުގެ ދަށުން އިންތިހާބީ މަގާމުތަކަށް މީހުން އިންތިހާބުކުރުންވެސް އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ.
އެމްއެންޕީން ބާއްވާ ފުރަތަމަ ގައުމީ ޖަލްސާގައި، އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންނާއި، ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ގޮފިތަކުގެ ރައީސުންވެސް ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެއެވެ. އޭގެއިރުންވެސް އެމްއެންޕީއަށް ނިސްބަތްވާ ރަށްތަކުގެ އަންހެނުންގެ ކޮމެޓީގެ މެމްބަރުންވެސް ބައިވެރިވާނެ ކަމަށްވެސް އެޕާޓިން ބުނެއެވެ.
އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް އިސްވެ މަޖީލީހުގެ ބައެއް މެމްބަރުންތަކާއެކު މިދިޔަ އަހަރު އުފެއްދި ޕާޓީއެކެވެ. އަދި ކުރިއަަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެޕާޓީން ވާދަކުރައްވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ރިޔާސީ ޕްރައިމަރީގެ ތާރީހުވެސް މި ޖަލްސާގައި ކަނޑައެޅުމަށް އެޕާޓީން ވަނީ ނިންމާފައެވެ.