
ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް ނަގަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި
# އަބްދުﷲ ސަނީފް# ގްރީން ޓެކްސްabdulla-saneef-1
ޓޫރިޒަމް ޤާނޫނުގެ ދަށުން ނަގަމުންދާ ގްރީން ޓެކްސް އަލުން ނެގުމަށް ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.

ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.
ގްރީން ޓެކްސް ނެގުން މިހާރު ހުއްޓާލާފައިވާތީ، ދައުލަތަށް ލިބެން ޖެހޭ ޢާމްދަނީން ބޮޑު ބައެއް ލިބުން ވަނީ ހުއްޓިފައެވެ. ގްރީން ނެގުން ހުއްޓުމަކަށް އައީ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހެއްގެ ސަބަބުންނެވެ. އެގޮތުން ސަރުކާރުން ގެޒެޓުކޮށްފައި މިހާރު އޮތް ޤާނޫނުގައި ވަނީ ގްރީން ޓެކްސް ނަގާނީ އަންނަ ޖެނުއަރީމަހުގެ 1 ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެވެ. ދައުލަތަށް ބޭރުފައިސާއިން 4 ވަނައަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގައެވެ.
މިދިޔަ ޖުލައިމަހު އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ. މިޓެކްސް މިހާރު ނަގަމުންދާ ރޭޓަށް ބަދަލުގެނެސް ބޮޑެތި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ރޭޓު ބޮޑުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ފިނޭންސުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސް ޖަމާކުރާ ފަންޑުގެ ޖުމްލަ އަދަދު ވަނީ 846 މިލިއަން ރުފިޔާއަށް އަރާފައެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.