
249737_51803431-5_
ސަރުކާރަށް އެރި އޮޅުމަކާ ގުޅިގެން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭނެ ގޮތަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަށް 12 ވަނަ އިސްލާހް ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ގްރީން ޓެކްސް ނެގުން ހުއްޓިފައިވަނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާހު ގެނެސް އެ ބިލް ވަނީ ފާސްކޮށްފައެވެ. އެ ބިލަށް ގެނައި އިސްލާހަކީ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން ވެސް މި ޤާނޫނަށް 12 ވަނަ އިސްލާހް ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
އަދި ގްރީން ޓެކްސް، ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.