
ފޭސް އަލިގަދަ ތަރި ނަމުގައި ފިޔޯރީ، ފަރެސްމާތޮޑާ އަދި ރަތަފަންދޫ ކުދިންނަށް ޤުރްއާން މުބާރާތެއް
# ފޭސް ޖަމިއްޔާ# ގދ.ފިޔޯރީ# ގދ.ފަރެސްމާތޮޑަ# ގދ.ރަތަފަންދޫ134383560_2808878669360974_8642876176490510210_o
ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއިން ފިޔޯރީގައި ބާއްވަމުން އަންނަ "ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް" ގައި ބައިވެރިވުމުގެ ފުރުސަތު، ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ އުމުރުން ހަ އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާ ހުށައަޅާފައިވެއެވެ.
މި މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ 08 ވަނަ ދުވަހާ ހަމައަށް ގދ. ފިޔޯރީގައެވެ.
މި މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަޤްސަދުގައި، އެ ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިޔޯރީގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ ތިނެއް ޖަހާއިރުއެވެ. މުބާރާތުގެ ގަވާއިދާއި މުގައްރަރު އަދި ބައިވެރިވާން އެދޭ ފޯމް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނައިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދު ނޫން ދުވަސް ދުވަހުގެ މެންދުރު 1:30 ން ހަވީރު 3:30 ށް ޖަމިއްޔާގެ ތަމްރީސުލް ގުރުއާން ކްލާހުންވެސް ލިބެން ހުންނާނެއެވެ.
ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ލެވެލް 1, 2، 3 އަދި 4 ގެ ގާރީ ކޯސް ހިންގުމާއި، ބީއެޗްއެމް ޓްރޭޑާސް އިން ފިޔޯރީ ބަދަރު ސަރަހައްދުގައި އިމާރާތް ކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި ގުރުއާން ކްލާހެއް ހިންގުމުގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ފޭސް ޖަމިއްޔާއިންނެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 91 އިންސައްތަ ފުރިހަމަވެއްޖެ

ފިޔޯރީ އާއި ނިލަންދޫގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖާއި މަސް ފެކްޓަރީ 2027ގެ ކުރީކޮޅު ނިމޭނެ!
