
ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި
# ކާޑެއްދޫ# ބަނދަރު މަސައްކަތް# އެމްޓީސީސީ# ގދ. ކާޑެއްދޫphoto_2022-08-01_15-08-40
ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ، ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތް 25 ޖުލައި 2022 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ..
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 52.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ހުރިހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގދ. އަތޮޅަކީ އެކާވީސްހާސް ރައްޔިތުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ އަތޮޅެކެވެ. މި އާބާދީގެ ބޮޑު ބަޔެއް ވައިގެ މަގުން ގދ. އަތޮޅަށް ދަތުރުކުރުމަށް ބޭނުންކުރާ މަންޒިލަކީ ކާޑެއްދޫ އެއަރޕޯޓަށްވާއިރު ކާޑެއްދޫއަކީ ވަކިން އޮންނަ ރަށެއްކަމުން، ކައިރީގައިވާ ރަށްތަކުން އެއަރޕޯޓަށް އައުމަށާއި ދިޔުމަށް ބޭނުންކުރާ އެންމެ މުޙިންމު އެއް ތަނަކީ ގދ. ކާޑެއްދޫ ބަނދަރެވެ.
ގދ އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫގެ ބަނދަރުގެ ބޭނުން މުހިއްމުވާ މިންވަރަށް ރިއާޔަތްކުރުމަށްފަހު އެމްޓީސީސީން ވަނީ މި މަސައްކަތް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ހަވާލުކޮށްފައެވެ.
މި ބަނދަރުގެ ސަބަބުން ގދ. އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫއަށް އަރާ ފޭބުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދިޔުމަކީ އެމްޓީސީސީގެ އެދުމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
