
ދުވާފަރު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# ރ ދުވާފަރު# ރައީސް މުއިއްޒު# އެމްޓީސީސީ# ބަނދަރު މަސައްކަތް-
ރ. ދުވާފަރު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ދުވާފަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެ ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 63،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 343 މީޓަރުގެ ތޮއްޓެއް ބޭރުތެރެއަށް ޖެހުމާއި، 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއި، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބުރިޖެއް ހެދުމާއި، 154 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
މިއީ 142.11 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
5047 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރަކީ މަސްވެރި ރަށެކެވެ. ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ރައްޔިތުންވެސް ގިނަ ރަށަކަށްވުމާއެކު، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން، އުޅަނދުތައް އަޅާފައިވާ ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ އެވެ.








