
3F7D87FA-5FF9-4E69-A843-7696935E73CE
އަޒުމް ސްޕޯޓްސް އެކަޑެމީގެ ފުޓްބޯޅަ ތަމްރީނު ކޮށްދޭ ކްލާސްތަކުގައި އަންހެން ކުދިން ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އަންނަ ފެބްރުވަރީ މަސްތެރޭގައި އަންހެން ކުދިންނަށް ފުޓްބޯޅަ ތަމްރީނުކޮށްދޭ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވާއިރު، މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 6 ކާއި ދެމެދުގެ ކުދިންނަށެވެ.
މި ޖެނުވަރީ މަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް އެކަޑެމީ ކްލާސްތަކުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އެކަޑެމީ އިން މަޢުލޫމާތު ދޭ ގޮތުގައި އަންހެން ކުދިންނަށް މި ފުރުސަތު ހުޅުވާލީ ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިންނެވެ.
ތަމްރީން ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން 7333312 ނަމްބަރަށް މެސެޖްކޮށް ނަން ނޯޓްކުރުމަށް އެކަޑެމީ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ސަބަބުން ފުޓްބޯޅަ އަށް ކުދިން މޮޅުވުމުގެ އިތުރުން ކުދިންގެ ކިޔެވުމާއި އަޚްލާގަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭ ކަމަށް އެ އެކަޑަމީ އިން ބުނެއެވެ.
ކޮވިޑްގެ ހާލަތާއި އެކު މިދިޔަ އަހަރު އެންމެ އެކަށީގެންވާ ވަރަށް އެކަޑެމީގެ ހަރަކާތްތައް ކުރިޔަށް ގެންދެވިފައި ނުވާއިރު، އާ އަހަރުގެ ޓާގެޓަކީ އެކަޑެމީ ކުދިންނަށް އެކުވެރި ކަމުގެ މެޗްތައް ކުޅުމަށް ކައިރި ރަށްރަށަށް ދިޔުމާއި، ޤައުމީ ލެވެލްގެ ކޯޗުންގެ ތަމްރީނުގެ ދަށުން ޕްރޮގްރާމްތައް ޖެއްސުމާއި، އެ ކުދިންނަށް ޚާއްސަކޮށްގެ މުބާރާތްތައް ކުރިޔަށް ގެންދިޔުމެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ޔޫތު މިނިސްޓަރީގައި ރަޖިސްޓަރީ ކުރެވުނު އަޒުމް ސްޕޯޓްސް އެކަޑެމީ އަކީ ގއ. މާމެންދޫގެ ކުޑަކުދިންނަށް އެކި އެކި ކުޅިވަރު ތަމްރީނުކޮށްދިނުމުގެ މަޤްސަދުގައި ރަޖިސްޓަރީ ކޮއްގެން ކުރިޔަށް ގެންދާ ކުޅިވަރު އެކަޑެމީއެކެވެ. އެގޮތުން އެ އެކަޑެމީއިން ވަނީ މިދިޔަ އަހަރުގައި ފިރިހެން ކުދިންނަށް ޚާއްސަކޮއްގެން ފުޓްބޯޅަ ތަމްރީނުކޮށްދޭ ކްލާސްތައް ފަށާފައެވެ. މި ކްލާސްތަކުގައި އެކި އެކި އުމުރު ފުރާއިން ޖުމްލަ 58 ކުދިން ތަމްރީނު ހޯދަމުން ދެއެވެ.