ތިނަދޫގައި މިއަދު ބާއްވާ "ހަހަރުވެތި ހަވީރު"ގައި ސްޓޫޑިއޯ33ގެ ބިރުވެރި ހޮހަޅަ!
އަލްފާ އަލީ
5/20/2022, 2:39:22 PM
haharuvethi haveeru
ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ގދ. ތިނަދޫ ޑަބްލިއުޑީސީ)ގެ އިސްނެގުމުގެ މަތިން ބައިނަލްއަގުވާމީ އާއިލާ ތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހާއްސަ "ހަހަތުވެތި ހަވީރު" މިއަދު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ހަރަކާތް އޮންނާނީ މިއަދު ހަވީރު، 16:15 ގައި ތިނަދޫ ސްޓޭޑިއަމް ގައެވެ. ތިނަދޫ ޑަބްލިއުޑީސީން މައުލުމާތު ދޭ ގޮތުގައި މި ހަރަކާތުގައި ތަފާތު އެކި އެކި ކުޅިވަރު ސްޓޯލްތަކާއި ހޮސްޕިޓަލްގެ ހެލްތް ޗެކަޕް ޑައިބެޓިކް ސްކްރީނިން އަދި ތެލެސީމިއާ ސްކްރީނިންގ މުޅިން ހިލޭ ހެދޭނެ އެވެ. މީގެ އިތުރުން ގދ. ފެމެލީ، ޗިލްޑްރެންސް ސާވިސް ސެންޓަރގެ ފަރާތުން ކުޑަކުދިންގެ ޙާއްސަ މަޢްލޫމާތުތަކެއް ދިނުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެ ކޮމިޓީން ބުނީ، މިއަދު ބާއްވާ ހަވީރުގައި ބައިވެރިވާ ފަރާތްތަކަށް އިނާމްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.
މިއަދު ހަވީރު ބާއްވާ މި ހަރަކާތް ޚާއްސަވަނީ ސްޓޫޑިއޯ33 އިން ބާއްވާ ބިރުވެރި ހޮހަޅައިންނެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ތިނަދޫގައި ބޭއްވީ މިފަދަ ހަރަކާތެވެ. ބިރުވެރި ހޮހަޅައަށް ވަނުމަށް ފީއެއް ނަގާއިރު، މިއަދު ހަވީރު ބާއްވާ ހޮހަޅައަށް ވަނުމުގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ. ސްޓޫޑިއޯ33 އިން ބުނީ ހޮހަޅައިގެ ޚާއްސަ ބައެއް މިރޭ 20:30 ގައި ފަށާނެ ކަމަށާއި، މިރޭގެ ހޮހަޅައަށް ވަނުމުގެ ފީ އަކީ 20 ރުފިޔާ ކަމަށެވެ.
ގދ. ތިނަދޫ ޑަބްލިއުޑީސީއިން މި ހަރަކާތް ކުރިއަށް ގެންދަނީ ކެންގަރޫ ކިޑްސްއާއި، ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ތިނަދޫ ކައުންސިލް، ތިނަދޫ ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރ އާއި ސްޓޫޑިއޯ33، ޔަންގް ލީޑާސް، އަބޫބަކުރު ސްކޫލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން، އެމްއެންޔޫ ތިނަދޫ ކެމްޕަހާއި އެމްއައި ކޮލެޖާ ގުޅިގެންނެވެ.
މި ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ.